Ad

އިނގިރޭސި ޕްރިމިއާ ލީގު: ލިވަޕޫލާއި ނިއުކާސަލް ބައްދަލުކުރި މެޗް ލިވަޕޫލުން ކާމިޔާބުކޮއްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗް 3 ލަނޑު 1 ލަނޑުން ލިވަޕޫލް ކާމިޔާބުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ގޯލް ޖެހީ ނިއުކާސަލް އިންނެވެ. ހަތް ވަނަ މިނިޓްގައި މި ގޯލް ޖެހީ ކުރިން ލިވަޕޫލަށް ކުޅުނު ޖޮންޖޯ ޝެލްވީ އެވެ. މޮޅު އެޓޭކިން ގޭމެއް ކުޅެމުންދިޔަ ލިވަޕޫލުން ވަނީ ހަތަރު މިނިޓް ތެރޭ ދެ ގޯލު ޖަހައި ނަތީޖާ އަނބުރާލައިފަ އެވެ. މެޗުގެ 21 ވަނަ މިނިޓްގައި ލިވަޕޫލަށް އެއްވަރުކޮށްދިނީ ޑިއޯގޯ ޖޮޓާ އެވެ. އޭގެ ހަތަރު މިނިޓް ފަހުން ޝެލްވީ ހެދި ގޯހަކުން ލިވަޕޫލްގެ މުހައްމަދު ސަލާހު ވަނީ ލަނޑު ޖަހާފައެވެ. މިއީ މި ސީޒަންގައި ސަލާހު ޖެހި 22 ވަނަ ގޯލެވެ. ލިވަޕޫލްގެ ތިން ވަނަ ގޯލު 87 ވަނަ މިނެޓްގައި ޖެހީ ޓްރެންޓް އަލެކްސަންޑަ އާނޯލްޑް އެވެ.

މި މެޗް ކުޅުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ލިވަޕޫލްގެ ވާޖިލް ވެން ޑައިކާއި ފަބީނިއޯ އަދި ކާޓިސް ޖޯންސް ނުލައެވެ.

މިއީ ލީގުގެ ތާރީހުގައި ލިވަޕޫލުން ހޯދި 2000 ވަނަ މޮޅެވެ. ނަވާރަ ފަހަރު އިންގްލެންޑްގެ ޗެމްޕިއަންކަން ހޯދި ލިވަޕޫލުން 2000 މޮޅު ހަމަކޮށް ރެކޯޑް ހެދިއިރު، އެ ޓީމާ އެންމެ ކައިރި ކުރާ ކްލަބަކަށް އޮތީ އާސެނަލް އެވެ. އާސެނަލުން ވަނީ ލީގު ތާރީހުގައި 1927 މޮޅު ހޯދައިފަ އެވެ.

ލީގުގައި މެންޗެސްޓަރ ސިޓީ އެއް ވަނައިގައި އޮތީ 17 މެޗުން 41 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް 17 މެޗުން 40 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި ޗެލްސީ އޮތީ 17 މެޗުން 37 ޕޮއިންޓާއެކުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *