Ad

އިނގިރޭސި ޕްރިމިއާ ލީގު: ލިވަޕޫލާއި ޓޮޓެންހަމް ބައްދަލުކުރި މެޗް އެއްވަރު!

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ޓޮޓެންހަމް ބައްދަލުކުރި މެޗް 2 ލަނޑު 2 ލަނޑުން އެއްވަރު ވެއްޖެއެވެ.

ޓޮޓެންހަމް ދަނޑުގައި ކުޅުނު މި މެޗްގައި ފުރަތަމަ ގޯލް ޖެހީ އެޓީމުންނެވެ. މެޗްގެ 13 ވަނަ މިނިޓްގައި މި ގޯލް ޖަހައިދިނީ ހެރީ ކޭންއެވެ. ލިވަޕޫލަށް އެއްވަރުކޮށްދިނީ މެޗުގެ 35 ވަަނަ މިނިޓްގައި ޑިއޯގޯ ޖޮޓާ އެވެ. މިއީ އެންޑީ ރޮބަޓްސަން ނެގި ހުރަހަކުން ޖޮޓާ ޖެހި ގޯލެކެވެ. މި ގޯލު ޖެހީ ބޮލުންނެވެ. ލިވަޕޫލަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނަގައިދިނީ 69 ވަނަ މިނިޓްގައި ރޮބަޓްސަން އެވެ. އޭގެ ހަތަރު މިނިޓް ފަހުން ޓޮޓެންހަމްއަށް  އެއްވަރުކޮށްދިނީ ސޮން ހެއުން މިން އެވެ.

މެޗްގައި ލިވަޕޫލަށް އެންމެ ބޮޑު މައްސަލައެއް ދިމާވީ މި މިމެޗްގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އައި ލިވަޕޫލްްގެ ޑިފެންޑަރު ރޮބަޓްސަންއަށް މެޗުގެ 77 ވަނަ މިނިޓްގައި ރަތް ކާޑު ދެއްކުމުންނެވެ. އޭނާއަށް ރައްކާޑު ދެއްކީ ޓޮޓެންހަމްގެ އެމަސަން އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ވީއޭއާރު ބެލުމަށްފަހު ދެއްކި ރަތް ކާޑެކެވެ. މިއީ ލީގުގައި ފާއިތުވި ހަތަރު ވަރަކަށް އަހަރު ތެރޭ ލިވަޕޫލް ކުޅުންތެރިއަކަށް ދެއްކި ފުރަތަަމަ ރަތް ކާޑެވެ.

މިމެޗްގެ ރެފްރީގެ ނިންމުންތަކާމެދު ދެޓީމުގެ ކޯޗުންވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ. މެޗްގެ ފުރަތަމަ ހާފުގައި ހެރީކޭން ރޮބަޓްސަންއަށް ކުރި ނުރައްކާތެރި ފައުލަށް ރައްކާޑު ނުދެއްކުމުން ލިވަޕޫލްގެ ކޯޗް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އެނގިރޭސި ކެޕްޓަން ހެރީކޭން ކުރި ފައުލަށް ރަތް ކާޑު ނުދައްކާ ސްކޮޓްލަންޑުގެ ކެޕްޓަން ރޮބަޓްސަން ކުރި ފައުލަށް ރަތްކާޑު ދެއްކުމުން އިނގިރޭސި މީޑިއާގައި ތަފާތު ގޮތްގޮތަށް އަންނަނީ ވާހަކަ ދެކެވެމުންނެވެ.

ލިވަޕޫލުން މި މެޗް ކުޅުނީ ކޮވިޑްގެ ސަބަބުން އެޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ނުލައެވެ. މެދުތެރޭގައި މިހިންމު ދައުރެއް އަދާ ކުރާ ކެޕްޓަން ހެންޑަސަންއާއި، ތިއާގޯ އަދި ފަބީނިއޯގެ އިތުރުން އިތުބާރު ޑިފެންޑަރު ވެންޑައިކްވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާތީ މި މެޗްގައި ނުކުޅެއެވެ.

މިހަފްތާގައި ކުޅުނު 4 މެޗްގެ ނަތީޖާ ތަކަށް ބަލާއިރު ތާވަލްގެ 1 ވަނައިގައި ސިޓީ އޮތީ ތިން ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ސިޓީ އަށް 18 މެޗުން ވަނީ 44 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް 18 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ޗެލްސީ އަށް ވަނީ 18 މެޗުން 38 ޕޮއިންޓާ އެކު އެވެ. ކޮވިޑްގެ ސަބަބުން މި ހަފްތާގައި ކުޅެން ހަމަޖެހިފައިއޮތް 6 މެޗް ވަނީ ފަސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *