Ad

ލީގު ކަޕް: ސެމީގައި ލިވަޕޫލާއި އާސެނަލް އަދި ޗެލްސީއާ ޓޮޓެންހަމްގެ ކުރިމަތިލުމެއް

އިނގިރޭސި ލީގުކަޕްގެ ސެމީފައިނަލުން ލިވަޕޫލް، ޗެލްސީ، ޓެޓެންހަމް އަދި އާސެނަލް ޖާގަ ހޯދައިފިއެވެ.

ލިވަޕޫލާއި ޗެލްސީ އަދި ޓޮޓެމްހަމް ސެމީފައިނަލުން ޖާގަ ހޯދީ ރޭ ކުޅުނު ކުއަރޓަރ ފައިނަލްގެ މެޗްތައް ކާމިޔާބުކޮށްގެންނެވެ. ސެމީގެ ފުރަތަމަ ޖާގަ ކަށަވަރު ކުރީ އަންގާރަ ދުވަހުގެރޭ ސެންޑަލޭންޑް ބަލިކުރި އާސެނަލްއެވެ.

ލިވަޕޫލް ސެމީ ފައިނަލުން ޖާގަ ހޯދީ ލެސްޓަރސިޓީގެ މައްޗަށް ކުރި ހޯދައިގެންނެވެ.  މި މެޗް ލިވަޕޫލުން ކާމިޔާބުކުރީ މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު 3-3 އެއްވަރުވުމުން ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ.

ރޭ މެޗަށް ލިވަޕޫލުން ނިކުތީ ފުރަތަމަ އާންމުކޮށް ފުރަތަމަ 11 ގައި ކުޅޭ 10 ކުޅުންތެރިން ބަދަލުކޮށްގެންނެވެ. އަމިއްލަ ދަނޑުގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ލައިގެން ފެށި މި މެޗްގެ ފުރަތަމަ 13 މިނިޓް ތެރޭ ލެސްޓާ ސިޓީން ވަނީ 2 ލަނޑު ޖަހާ ލިވަޕޫލް ސިއްސުވާލާފައެވެ. މި ދެ ގޯލް ވެސް ޖަހައިދިނީ ޖޭމީ ވާޑީއެވެ. މެޗްގެ 19 ވަނަ މިނެޓްގައި އަލެކްސް އޮކްސްލޭޑް ޗަމްބަލެއިންގެ ގޯލުން ލިވަޕޫލަށް އުއްމީދެއް ހޯދައިދީފައިވަނިކޮށް، ލެސްޓާގެ ޖޭމްސް މެޑިސަން ވަނީ ގޯލެއް ޖަހާ ފަރަގު ބޮޑުކޮށްފައެވެ. 3 ލަނޑު 1 ލަނޑުން ލެސްޓަރ ކުރީގަ އޮވެގެން ފުރަތަމަ ހާފު ނިމުނުއިރު ދެ ވަނަ ހާފު ލިވަޕޫލުން ފެށީ ޒުވާން ތިން ކުޅުންތެރިންގެ ބަދަލުގައި ތަޖުރިބާކާރު 3 ކުޅުންތެރިނާ އެކުގައެވެ. މިގޮތުން ޖޮޓާއާއި މިލްނާ އަދި ކޮނާޓޭ ކުޅެން އެރުމުން ލިވަޕޫލްްގެ ކުޅުން ވަރުގަދަވިއެވެ. ނަތީޖާއެއްގެ ގޮތުން 68 ވަނަ މިނިޓްގައި ޑިއޯގޯ ޖޮޓާ ވަނީ ލިވަޕޫލަށް ދެ ވަަނަ ގޯލް ޖަހައިދީފަ އެވެ. ލިވަޕޫލަށް އެއްވަރުކޮށްދިނީ އިތުރު ވަގުތުގެ ހަ މިނިޓްގެ ތެރެއިން ފަސް ވަނަ މިނިޓްގައި ޖަޕާންގެ ފޯވާޑް ޓަކޫމީ މިނަމީނޯ ޖެހި ގޯލުންނެެވެ.

ފުރިހަމަ ވަގުތު ހަމަވެގެން ޖެހި ޕެނަލްޓީތަކުގައި ހީރޯއަކަށްވީ މި މެޗްގައި ލިވަޕޫލްގެ ގޯލް ބެލެހެއްޓި ޒުވާން ގޯލް ކީޕަރު ކޮއިމްހިން ކެލަހާއެވެ. އޭނާ ވަނީ ލެސްޓާގެ ލޫކް ތޯމަސް އާއި ރަޔާން ބާޓްރަންޑް ޖެހި ޕެނަލްޓީތައް މަތަކޮށްފައެވެ.

ލިވަޕޫލްގެ ޕެނަލްޓީތައް ކާމިޔާބުކުރީ ޖޭމްސް މިލްނާ، ރޮބާޓޯ ފިރްމީނޯ، ނަބީ ކެއިޓާ ޗަމްބަލެއިން އަދި ޖޮޓާއެވެ. އެޓީމަށް ނާކާމިޔާބުވީ މިނަމީނޯ ޖެހި ޮޕެނަލްޓީއެވެ. މިނަމީނޯ ޖެހި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިންނެވެ. ލެސްޓާގެ މެޑިސަން، ވާޑީ، ޔޫރީ ޓިއެލަމަންސް އަދި ކެލެޗީ އިހެނާޗޯ ވަނީ ޕެނަލްޓީ ވައްދާލައިފަ އެވެ. ލިވަޕޫލް މޮޅުވީ ޖޮޓާ ޖެހި ޕެނަލްޓީންނެވެ. މިމެޗްގައި ލިވަޕޫލްގެ ތަރިން ކަމަށްވާ ސަލާހު، މާނޭ، ވެންޑައިކް، މަޓިޕް، އާނޯލްޑް، ރޮބަޓްސަން، އެލިސަން ތިއާގޯ އަދި ފަބީނިއޯ ނުކުޅެއެވެ.

ޓޮޓެންހަމް ސެމީން ޖާހަ ހޯދީ 2-1 ވެސްޓްހަމް ބަލިކޮށްގެންނެވެ. ޓޮޓެންހަމްގެ ގޯލުތައް ޖެހީ ސްޓީވަން ބާގްވައިން އާއި ލޫކަސް މޯރާ އެވެ. ވެސްޓް ހޭމްގެ ގޯލު ޖެހީ ޖެރޮޑް ބޮވެން އެވެ.

ޗެލްސީން ސެމީ ފައިނަލްގެ ޖާގަ ހޯދީ 2-0 އިން ބްރެންޓްފޯޑް ބަލިކޮށްގެންނެވެ. މެޗުގެ 80 ވަނަ މިނިޓްގައި ޗެލްސީ ލީޑުނެގީ ބްރެންޓްފޯޑްގެ ޕޮންޓަސް ޖެންސަން އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އަދި އޭގެ ފަސް މިނިޓް ފަހުން ޗެލްސީގެ ޖޯޖީނިއޯ ޕެނަލްޓީއެއް ކާމިޔާބުކޮށް އެ ޓީމަށް ސެމީ ކަށަވަރުކޮށްދިނެވެ.

ސެމީގެ ފުރަތަމަ ލެގު އޮންނާނީ ޖެނުއަރީ 3 އެވެ. ދެ ވަނަ ލެގު ކުޅޭނީ 10 ވަނަ ދުވަހު އެވެ. ލީގު ކަޕް ފައިނަލް ކުޅޭނީ ފެބްރުއަރީ 27 ވަނަ ދުވަހު އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *