Advertisement
BML Home 2nd Ad

މަޖިލީހުގައި ބޮއްސުންލާފައިވާ ނިޒާމީ ނުކުތާތައް!

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަޖިލީހަށް ވެދެވަޑައިގެންނެވީ، ރައީސް މައުމޫނު ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި، މާލޭގެ މެމްބަރެއްގެ ގޮތުގައެވެ. ރައީސް ނަޝީދު ބައިވެރިވެ ވަޑައިގެންނެވި ފުރަތަމަ ޖަލްސާގެ ރިޔާސަތުގައި އިންނެވީ އުސްތާޒް ހަމީދެވެ. ޖަލްސާ ފެށުމާއެކު ރައީސް ނަޝީދު ނިޒާމީ ނުކުތާއެއް ނެންގެވިއެވެ. ވިދާޅުވީ ރިޔާސަތުން މަޖިލިސް ހިންގަވަނީ ގަވާއިދާ ޚިލާފަށް ކަމަށެވެ. އުސްތާޒު ހަމީދު މަޑުމައިތި ކަމާއެކު ރައީސް ނަޝީދަށް އެ ވާހަކަ ތަކަށް ޖަވާބު ދެއްވައި މަޖިލިސް ކުރިއަށް ގެންދެވިއެވެ. އެ ޒަމާން މާޒީއާ އެކުވެއްޖެއެވެ.

މިހާރު މަޖިލީހުގެ ރިޔާސަތުގައި އެ އިންނެވީ އެ ދުވަހު ނިޒާމީ މައްސަލަ ނެންގެވި ރައީސް މުޙައްމަދު ނަޝީދެވެ. މިހާތަނުން އުފެދޭ ސުވާލަކީ އެމަނިކުފާނު މަޖިލިސް ހިންގަވަނީ ޤަވާއިދާ އެއްގޮތަށް ހެއްޔެވެ؟

Advertisement
Etukuri Inside ad 300x300 Desktop

ރައްޔިތުންގެ މަޖިލިސް ހިންގުމަށް ލިޔެފައިވާ ތަފްސީލް ދިގު ގަވާއިދެއް އެބައޮތެވެ. އޭގެ ތެރެއިން ބައެއް ކަންކަމާ ރިޔާސަތުން މިހާރު މާބޮޑު ސަމާލުކަމެއް ނުދެއްވާ ދޫކޮށް ލެއްވުމަކީ ގަވާއިދާ އެއްގޮތަށް ކުރައްވާ ކަމެއް ނޫނެވެ. މިސާލެއް ނަގަމާހެއްޔެވެ؟

މަޖިލީހުގެ ޖަލްސާއެއް ހިނގަމުން ދަނިކޮށް ނިޒާމާ ގުޅޭ މައްސަލައެއް ނުވަތަ ނިޒާމީ ނުކުތާއެއް ނެގޭނީ މަޖިލީހުގެ ނިޒާމު ގަވާއިދާ ޚިލާފު ވުމުން އެކަން ހަމަ މަގަށް އެޅުވުމަށްޓަކައި ރިޔާސަތުގެ ސަމާލުކަމަށް ގެނައުމަށެވެ. ނިޒާމީ ނުކުތާ ނަގާއިރު، އެ ނުކުތާއެއް ނެގީ ގަވާއިދު ނުވަތަ ގާނޫނު އަސާސީގެ ކޮން މާއްދާއަކަށް ހަވާލާ ދީފައިތޯ ބަޔާންކުރަން ޖެހެއެވެ. އަދި ނިޒާމީ ނުކުތާ ނެގި މެންބަރު، މަޖިލީހުގައި ގަވާއިދާ ޚިލާފަށް ހިނގަނީ ކޮން ކަމެއްކަން ސާފުކޮށްދެއްވަން ވެސް ޖެހެއެވެ.

މެންބަރަކު ނިޒާމީ ނުކުތާއެއް ނަންގަވައިފިނަމަ އެއީ ނިޒާމީ މައްސަލައެއްކަން ނުވަތަ ނޫންކަން ރިޔާސަތުން ކަނޑައަޅަން ޖެހެއެވެ. މަޖިލީގެ ގަވާއިދު ބުނާ ގޮތެވެ. އެ ނޫން ގޮތަކަށް ޢަމަލު ކުރާނަމަ އެއީ ގަވާއިދާ ޚިލާފުވުމެވެ. ނިޒާމީ ނުކުތާގެ ކަންކަމުގައި ރައީސް ނަޝީދު ގަވާއިދާ ޚިލާފުވެއެވެ. އަދި ނިޒާމީ ނުކުތާއަކަށް ނުވާ ކަންކަމުގައި މެންބަރުން ބޭނުންފުޅު ވާހަކައެއް ދެއްކެވުމަށް މައިކް ހުޅުއްވައި ދެއްވައެވެ.

އެއް މެމްބަރަކު ދައްކަވާ ވާހަކަ އަކާ ގުޅިގެން އެހެން މެންބަރަކު ޖަވާބުދީ، ޒުވާބުދީ ހެދުމަށް ނިޒާމީ ނުކުތާއެއް މަޖިލީހުގައި ނެގުމަކީ މަޖިލީހުގެ ގަވާއިދު ތަންދޭ ކަމެއް ނޫނެވެ. އެހެންނަމަވެސް މަޖިލީހުގެ ރިޔާސަތުން ނިޒާމީ ނުކުތާއަށް ނުވާ ނިޒާމީ ނުކުތާތައް ހުއްޓުވުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރައްވާތީއެއް ނުފެނެއެވެ.

އެއް މެމްބަރަކު އަނެއް މެމްބަރަކާ މުހާތަބު ކުރައްވާއިރު އެ މުހާތަބު ވެވޭ މެންބަރުގެ ނަމުގެ ކުރިއަށް "އިއްޒަތްތެރި" ނުލައި ނަން ވިދާޅުވެއްޖެނަމަ ރިޔާސަތުން ވަގުތުން އެކަން އިސްލާހުކުރުވައެވެ. ހަމަ އެއް ގަވާއިދެއްގެ ދެ މާއްދާއެކެވެ. އިއްޒަތްތެރި މެމްބަރު ކިޔުން ނޫން ގޮތެއް ނެތެވެ. އެހެންނަމަވެސް ނިޒާމީ ނުކުތާއަކަށް ނުވާ ނުކުތާގެ ނަމުގައި މައިކް ހުޅުވައި، ކޮންމެ ވާހަކައެއް ދެއްކެވިއަސް އެއީ ގަވާއިދާ ޚިލާފުވުން ކަމުގައި ރިޔާސަތުން ބަލާތީއެއް ނުފެނެއެވެ.

ފަހަރުގައި އެއީ މެމްބަރުންގެ ޖަޒްބާތުތައް ފާޅުކުރެއްވުމަށް ރިޔާސަތުން "ޚާއްސަ އިނާޔަތެއް" ދެއްވަނީ ކަމަށް ވެދާނެއެވެ. އެހެންނަމަވެސް އެ ކަމަށް މަޖިލީހުގެ ގަވާއިދު ތަނެއް ނުދެއެވެ. މެންބަރުންގެ އުދާސްތަކަށް ތަޅުމުން ޖާގަ ދޭން ބޭނުންވާނަމަ މަޖިލީހުގެ ގަވާއިދު ބަދަލު ކުރައްވާށެވެ. އެހެންނޫނީ ރިޔާސަތުން ޖެހޭނީ ގަވާއިދާ އެއްގޮތަށް އަމަލުކުރާށެވެ. ސިޔާސީ ޕާޓީއެއްގެ ގައުމީ މަޖިލީހުގެ ޖަލްސާތައް ހިނގާހެން ރައްޔިތުންގެ މަޖިލިސް ހިންގުމަކީ ނާތަހުޒީބު ގޮތެކެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add