މިއަހަރުގެ ދުނިޔޭގެ ޓެލެކޮމިޔުނިކޭޝަން ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް، ދިރާގުން ޚާއްސަ ޕެނަލް ޑިސްކަޝަނެއް ބާއްވައިފިއެވެ. މިމަޝްވާރާ އޮތީ މާލޭގައި ހުންނަ ދިރާގުގެ މައިއޮފީހުގައެވެ.

ރާއްޖޭގެ ޔުނިވާރސިޓީތަކުގައި މަތީ ތަޢުލީމް ހާސިލްކުރަމުން އަންނަ ދަރިވަރުންނަށް އަމާޒުކޮށް ބޭއްވުނު މި ބައްދަލުވުމުގައި ދިރާގުގެ ސީއީއޯ އިސްމާއީލް ރަޝީދާއި ދިރާގުގެ ތަފާތު ޑިޕާޓްމަންޓްތަކުގެ ވެރިން ބައިވެރިވެވަޑައިގަތެވެ.

މިބައްދަލުވުމުގައި ދިރާގުގެ ނެޓްވޯކް މިއަދު ރާއްޖޭގައި ޤާއިމްވެފައި އޮތްގަޮތާއި ދިރާގު ހިނގަމުން އަންނަ ގޮތާއި އަދި ދިރާގު ކުރިއަރާފައިވާ މިންވަރު ދަރިވަރުންނަށް ބަޔާންކޮށްދެއްވިއެވެ. އަދި ދަރިވަރުން ކުރިމަތިކުރި ހުރިހާ ސުވާލަކަށް ދިރާގުގެ ވެރިން ޖަވާބު ދެއްވިއެވެ.


ދިރާގަކީ ދިވެހިރާއްޖޭގައި ހިންގާ އެންމެ ފައިދާބޮޑު ވިޔަފާރި ކުންފުންޏެވެ. ނަމަވެސް ރައީސް ނަޝީދުގެ ސަރުކާރުން ދިރާގުގެ މެޖޯރިޓީ ޙިއްސާ ބޭރުގެ ކުންފުންޏަކަށް ވިއްކާލުމުގެ ސަބަބުން ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުން ކުރަން ބޭނުން ކަންކަން ދިރާގު ތެރެއިން ކުރުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ. އަދި ކުންފުންޏަށް ލިބޭ ފައިދާގެ ބޮޑުބައި ދަނީ ޤައުމުން ބޭރަށެވެ.
