އިނގިރޭސި ޕްރެމިއާރ ލީގުގެ 1 ވަނާގައި އޮތް ލިވަޕޫލާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓުކުރުމުގެ ހަރަކާތްތައް ރަސްމީކޮށް ފަށައިފި އެވެ.
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި އިނގިރޭސި ފްޓްބޯލް ކުލަބް ލިވަޕޫލާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ހަރަކާތްތަށް ރަސްމީކޮށް ފަށާފައިވަނީ މިރޭ ލިވަފޫލް އާއި އެވަޓަން ބައްދަލުކުރި މެޗުންނެވެ.
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިން ފަށާ ފުޓުބޯޅަ މެޗު ބައްލަވާލައްވައިފިއެވެ. އިނގިރޭސި ޕްރިމިއަރ ލީގުގައި އެވަރޓަން އާއި ލިވަރޕޫލް ފުޓްބޯލް ކްލަބް ބައްދަލުކުރި މި މެޗުގައި ވަނީ، ލިވަޕޫލް އާއި ގުޅިގެން، ކޯ ބްރޭންޑަޑް އިނީޝިއަޓިވެއްގެ ގޮތުގައި ކުރިއަށްގެންދާ ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިން، ރަސްމީކޮށް ފަށާފައެވެ.
މިއަހަރުގެ މާރިޗް މަހުގެ 13 ވަނަ ދުވަހު ލިވަޕޫލް އާއި އެމްއެމްޕީއާރުސީ އާއި ދެމެދު ވެފައިވާ ޕާޓްނާޝިޕްގެ ދަށުން ލިވަރޕޫލް ފްޓުބޯލް ކުލަބުގެ ރަސްމީ ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކީ އެމް.އެމް.ޕީ.އާރް.ސީ/ ވިޒިޓް މޯލްޑިވްސް ކަމަށާއި، މި ޕާޓްނަރޝިޕުގެ ދަށުން ތިން އަހަރާއި ހަ މަސްދުވަހުގެ ބައިނަލްއަޤުވާމީ ކެމްޕެއިނެއް ކުރިއަށްގެންދާނެ ކަމަށް އެމްއެމްޕީއާރުސީ އިން ބުނެއެވެ.
ލިވަޕޫލްއާއި އެކު ޤާއިމުކުރި ޕާޓްނަރޝިޕްގެ ދަށުން، މާރިޗު މަހުގެ 27 ވަނަ ދުވަހު ވިޒިޓް މޯލްޑިވްސް އިން ވަނީ އިނގިރޭސިވިލާތުގައި ފުޅާ ދާއިރާއެއްގައި އައުޓްޑޯ ކެމްޕެއިނެއްވެސް ފަށާފައެވެ. ތިން މަސް ދުވަހުގެ މި ކެމްޕެއިންގެ ދަށުން އިނގިރޭސިވިލާތުގެ ބައެއް ސަރަޙައްދުތަކުގައި އައުޓްޑޯ އަދި ޑިޖިޓަލް އެޑްވަރޓައިޒިންގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ލަންޑަންގެ 100 ޓެކްސީއެއްގައްޔާއި، ބަސްތަކާއި ލަންޑަން އަންޑަރގްރައުންޑް، ވައިގެބަނދަރުތައް، އަދި ބިޒްނަސް ކްލާސް ލައުންޖުތަކުގައި ވިޒިޓް މޯލްޑިވްސް ބްރޭންޑް ގިނަ ޢަދަދެއްގެ ބަޔަކަށް އިޝްތިހާރުކުރެވިގެންދާނެ ކަމަށްވެސް އެމްއެމްޕީއާރުސީ އިން ބުނެއެވެ.
މީގެ އިތުރުން، ޕްރިމިއަރ ލީގް މެޗުތައް އެންފީލްޑްގައި ކުޅޭ ދުވަސްތަކުގައި، ސްޓޭޑިއަމްގައި ލެޑް ސައިނޭޖް ދައްކައި، އެލިވަޕޫލްގެ ރަސްމީ ލުއިފޮތްތަކާއި ޔޫރަޕުގެ އެކި ސަރަޙައްދުތަކުގައި ހުންނަ ބިލްބޯޑުތަކުގައި ރާއްޖޭގެ ބްރޭންޑް އިޝްތިހާރުކޮށް، ބައިނަލްއަޤުވާމީ ފެންވަރެއްގައި ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތްކުރާނެއެވެ.