ކުޅިވަރުގެ މައިދާނުގައި ހަމަހަމަ މުސްތަޤުބަލެއް ބިނާކުރުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

ކުޅިވަރުގެ މައިދާނުގައި ހަމަހަމަ މުސްތަޤުބަލެއް ބިނާކުރުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ "އިންޓަރނޭޝަނަލް ޑޭ އޮފް ސްޕޯޓް ފޯ ޑިވެލޮޕްމަންޓް އެންޑް ޕީސް" ދުވަހާ ގުޅިގެން އެމަނިކުފާނުގެ އެކްސް އެކައުންޓުން ކުރައްވާފައިވާ ޕޯސްޓުގައި ވިދާޅުވީ ސަރުކާރުގެ ތަޞައްވުރަކީ ސުލްޙައާއި ދެމެހެއްޓެނިވިކަން ކުރިއެރުވުމަށްޓަކައި ވަރުގަދަ ވަސީލަތެއްގެ ގޮތުގައި ކުޅިވަރުގެ ދައުރު ހަރުދަނާކުރުން ކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން ހަމަހަމަ އަދި ހުރިހާ ފަރާތްތަކެއް ބައިވެރިވާ މުޖުތަމަޢެއް އުފެއްދުމަކީވެސް ސރުކާރުގެ އާމާޒެއްކަމަށް އެމަނިކުފާނުގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ކުޅިވަރުގެ ދާއިރާ ކުރިއެރުމަށްޓަކައި 20 އަހަރުގެ ނެޝަނަލް ސްޕޯޓްސް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށާއި އެ ޕްލޭނުގެ މަސައްކަތަކީ ކޮންމެ މީހަކަށްވެސް ކުޅިވަރުގެ މައިދާނުގައި ހަމަހަމަ ފުރުޞަތު ފަހިކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތަކެއް ކަމަށް ވިދާޅުވެ، ކުޅިވަރުގެ މައިދާނުގައި ހަމަހަމަ މުސްތަޤުބަލެއް ބިނާކުރުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް އެމަނިކުފާނުގެ ޕޯސްޓްގައި ވަނީ ގޮވާލައްވާފައެވެ.

"އިންޓަރނޭޝަނަލް ޑޭ އޮފް ސްޕޯޓް ފޯ ޑިވެލޮޕްމަންޓް އެންޑް ޕީސް" އަކީ މުޖުތަމަޢުގެ ތަރައްޤީއާއި ހަމަޖެހުމުގައި ކުޅިވަރުގެ ބާރު ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ އޭޕްރިލް މަހުގެ 6 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މިއަހަރުގެ މިދުވަހުގެ ޝިއާރެއްގެ ގޮތުގައި އދ. އިން ކަނޑައަޅާފައިވަނީ "ލެވެލިން ދަ ޕްލޭއިން ފީލްޑް: ސްޕޯޓްސް ފޯ ސޯޝަލް އިންކްލޫޝަން" އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *