ސައުދީ ލީގުން ބޮޑެތި ހުށައެޅުންތަކެއް ލިބިފައިވަނިކޮށް ލިވަޕޫލްގައި މަޑުކުރަން ސަލާހު ނިންމައިފި

ލިވަޕޫލްގެ މިސްރުގެ ފޯވަޑް މުހައްމަދު ސަލާހު އެ ކްލަބާއިއެކު ހަދާފައިވާ އެއްބަސްވުމަށް ދެ އަހަރު އިތުރުކޮށްފި އެވެ.

ސަލާހު ލިވަޕޫލްގައި މަޑުކުރަން ނިންމައި އިތުރު ދެ އަހަރަށް ކޮންޓްރެކްގައި ސޮއި މި ކުރީ ގިނަ ދުވަސްތަކެއްގެ މަޝްވަރާތަކަށްފަހުގައެވެ. ލިވަޕޫލް އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު އޭނާ ލިވަޕޫލް ދޫކޮށްލާނެ ކަމުގެ އަޑުތައް ވެސް ގަދަވިއެވެ.

އުމުރުން 32 އަހަރު ސަލާހު ލިވަޕޫލް އާއިއެކު އިތުރު ދެ އަހަރުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކުރިއިރު އޭނާ ވަނީ މި ސީޒަނުގައި ހުރިހާ މުބާރާތެއްގައި ލިވަޕޫލް އަށް 32 ލަނޑު ޖަހައިދީފަ އެވެ. އޭނާއަކީ މިހާރުވެސް ލިވަޕޫލްގެ ތާރީހުގައި އެންމެ މުސާރަ ބޮޑު ކުޅުންތެެރިއާއެވެ. ހަފްތާއަކު ތިންލައްކަ ފަންސާސްހާސް ފައުންޑްގެ މުސާރައެއް އޭނާއަށް ލިވަޕޫލުން ދެއެވެ. އާ ކޮންޓްރެކްޓްގެ ދަށުން އޭނާއަށް ލިބޭ މުސާރަ އަދި ސާފެއް ނުވެއެވެ. އޭނާ ކޮންޓްރެކްޓްގައި ސޮއިކޮށްފައިވަނީ ސައުދީގެ ކުލަބްތަކުން ބޮޑު މުސާރައާއެކު ގިނަ ހުށައެޅުންތަކެއް ލިބިފައިވަނިކޮށެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ސައުދީގެ އަލް ހިލާލުން މިހާރުވެސް އޮތީ ލިވަޕޫލުން ސަލާހަށްދޭ މުސާރައިގެ 3 ގުނަ ދިނުމަށް ތައްޔާރަށެވެ.

2017 ވަނަ އަހަރުގެ އިޓަލީގެ ރޯމާއިން ލިވަޕޫލް އާއި ގުޅުނު ސަލާ ވަނީ އެ ޓީމަށް މިހާތަނަށް ކުޅެދިން 393 މެޗުގައި އެ ޓީމަށް 243 ލަނޑު ޖަހައިދީ 109 ލަނޑު ޖަހަން މަގު ތަނަވަސްކޮށްދީފަ އެވެ.

"ލިވަޕޫލް ގައި އަހަރެން އަށް އަހަރު ހޭދަކޮށްފިން އަދި އިތުރު ދެ އަހަރު މަޑު ކުރަން ފުރުސަތު ލިބުމުން އެކަމާ އުފާ ކުރަން. މިއީ އަހަރެންގެ ކެރިއަރުގައި އެންމެ ކާމިޔާބު އަހަރުތަކުގެ ގޮތުގައި ސިފަ ކުރަން." ސަލާހު ބުންޏެވެ.

މި ފަހުން ލިވަޕޫލްގެ ކާމިޔާބީތަކުގައި އެންމެ މުހިންމު ދައުރެއް އަދާކުރި 3 ކުޅުންތެރިން ކަމަށްވާ ކެޕްޓަން ވެންޑައިކާއި، ސަލާހުގެ އިތުރުން ވައިސް ކެޕްޓަން އާނޯލްޑްގެ ކޮންޓްރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވާނެއެވެ. ކެޕްޓަން ވެންޑައިކްގެ ކޮންޓްރެކްޓް އާ ކުރާނެކަމަށް ބެލެވެއެވެ. ނަމަވެސް އާނޯލްޑް ރިއަލްމެޑްރިޑަށް ބަދަލުވާން ނިންމާފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *