ހުޅުމާލޭގައި ކުރާ ބޮޑެތި އިމާރާތްތަކުގައި ނަމާދުކުރާނެ ތަންތަން ހުރުން ލާޒިމް ކުރުމަށް ޤަވާއިދަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ބުނެފި އެވެ.
އެޗްޑީސީ އިން އެ ކޯޕަރޭޝަންގެ އިންސްޓަގްރަމް އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައި އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މެލޭޝިޔާ ފަދަ އިސްލާމީ ބޮޑެތި ޤައުމުތަކުގައި ވެސް ހުންނަ ފަދައިން ޝޮޕިން މޯލްތަކާއި އެ ނޫން ވެސް ބޮޑެތި އިމާރާތްތަކުގައްޔާއި މީހުންދިރިއުޅޭ ބޮޑެތި އިމާރާތްތަކުގައި ހުންނަ ފަދައިން ހުޅުމާލޭގައިވެސް ކުރެވޭ އެފަދަ ބޮޑެތި އިމާރާތްތަކުގައި ނަމާދުކުރާތަން ހުރުމަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކުން ކުރުމަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
އަދި ހުޅުމާލެ ވަރަށް ބާރަށް ތަރައްގީވެ އުމްރާނީ ގޮތުން ކުރިއަރަމުން އަންނަ އިރު ބޮޑެތި އިމާރާތްތަކުގެ ކައިރީގައި މިސްކިތެއް ނެތް ކަމަށާއި، އެހެން ކަމުން ބޮޑެތި އިމާރާތްތަކަށް ޒިޔާރަތް ކުރާ މީހުންނާއި އެހެން މީހުންނަށް ނަމާދު ކުރެވޭނެ އިންތިޒާމެއް ހަމަޖެހުން ވަރަށް މުހިއްމު ކަމަށެވެ.
އެހެންވީމަ ބިލްޑިންތަކުގެ ތެރޭގައި ކޮންމެވެސް މިންވަރެއްގެ ޖާގައެއް ނަމާދުކުރުމަށް ތަނަވަސްވެފައި ހުރުމަކީ އެއީ ވަރަށް ބޭނުންތެރި ކަމަކަށް ވާނެ." އިސްލާމިކް މިނިސްޓަރ ޑރ ޝަހީމު ވިދާޅުވި އެވެ.
އެ ނިންމުމަކީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ޑރ. މަޢުރޫފް ޖަމީލްގެ އިސް ނެންގެވުމަށް ނިންމެވި ނިންމެވުމެއްކަން ފާހަގަ ކުރައްވައި މިނިސްޓަރު ޝަހީމް ވަނީ އެޗްޑީސީގެ އެމްޑީ މައުރޫފް އަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.