ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމްގެ ސްކީމްތަކަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ މިޕްރޮގްރާމްގެ 3 ސްކީމަށް އެދި ހުށަހަޅާއިރު ކުރެހުމާއި ބީއޯކިއު ހުށަހަޅަންޖެހޭތީ އެކަމަކީ ވަގުތު ނަގާ ކަމަށްވާތީ މިޕްރޮގްރާމްގެ މުއްދަތު އިތުރުކޮށްދިނުމަށް ވަރަށް ގިނަ ފަރާތްތަކަކުން އެދެމުން އަންނަކަމަށެވެ. އެހެންކަމުން މި ޕްރޮގްރާމްގެ ސްކީމްތަކަށް އެދި ހުށަހެޅުމުގެ މުއްދަތު 31 މެއި 2025 ގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށް ވަޒީރު މުއްޠަލިބު ވިދާޅުވިއެވެ.
"ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމަކީ 8 ނޮވެންބަރު 2024 އިން ފެށިގެން ހުޅުވާލެވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ 3 ސްކީމަށް އެދި ހުށަހެޅުމުގައި ކުރެހުމާއި ބީ.އޯ.ކިއު ހުށަހަޅަންޖެހޭތީ އެކަމަކީ ވަގުތު ނަގާ ކަމެއްކަމަށްވާތީ މި ޕްރޮގްރާމްގެ މުއްދަތު އިތުރުކޮށްދިނުމަށް ވަރަށް ގިނަ ފަރާތްތަކަކުން ދަނީ އެދެމުންނެވެ. އެހެންކަމުން މި ޕްރޮގްރާމްގެ ސްކީމްތަކަށް އެދި ހުށަހެޅުމުގެ މުއްދަތު 31 މެއި 2025 ގެ ނިޔަލަށް އިތުރުކުރުމަށް ނިންމާފައިވާ ވާހަކަ ދަންނަވަމެވެ." މިނިސްޓަރު ވިދާޅުވިއެވެ.
ހިޔާވަހި ފައިނޭންސިންގއަކީ އިސްލާމީ ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް އެންމެ އަގު ހެޔޮކޮށް ފޯރުކޮށްދޭ ފައިނޭންސިންއެވެ. އަދި މިއީ ރާއްޖޭގެ 3 ބޭންކަކާ ގުޅިގެން %5 ފައިދާގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމުގައި ހިމެނެނީ 3 ސްކީމެކެވެ. އެއީ ރަށްވެހި ފައިނޭންސިންގ ސްކީމް، ސަހަރު ފައިނޭންސިންގ ސްކީމް، ފަހިމާލެ ފައިނޭންސިން ސްކީމެވެ. މީގެތެރެއިން ރާއްޖޭގެ އަތޮޅުތަކުން ހުށަހަޅާ ފަރާތްތަކަށް ރަށްވެހި ފައިނޭންސިންގ ސްކީމްގެ ދަށުން 1 މިލިއަން ރުފިޔާ، އަރބަން ސެންޓަރތަކުން ސަހަރު ފައިނޭންސިންގ ސްކީމަށް އެދި ހުށައަޅާ ފަރާތްތަކަށް 3 މިލިއަން ރުފިޔާ، އަދި މާލެ ސަރަޙައްދަށް ޚާއްޞަ ފަހިމާލެ ފައިނޭންސިން ސްކީމަށް 6 މިލިއަން ރުފިޔާއާހަމައަށް ފައިނޭންސް ލިބޭނެއެވެ. މީގެއިތުރުން މާލެ ސަރަޙައްދަށް ހުޅުވާލި ފުރުޞަތުގައި، ގޭގެ ބެހެނިވެރިންނާއެކު އެކުވެގެން ހަ މިލިޔަން ރުފިޔާއިން ފެށިގެން 10 މިލިޔަން ރުފިޔާއާ ހަމައަށް ފައިނޭންސަށް އެދެވޭނެއެވެ.




