އިސްލާމީ ޔުނިވާސިޓީން 11 ވަނަ ރިސާޗް ކޮންފަރެންސް، "އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް" (އައިސީއައިއޭ) ފަށައިފިއެވެ.
މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮސްދެއްވީ އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު އެވެ.
މި ކޮންފަރެންސްގެ ހާއްސަ ކީނޯޓް މުގައްރިރުންގެ ތެރޭގައި އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާގެ ރައީސް ޑރ. ޞާލިޙް ބިން ޢަލީ އަލް-ޢަޤްލާ އާއި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާގެ ކުރީގެ ރެކްޓަރ އެމެރިޓަސް ޕްރޮފެސަރ (ތަން ޝްރީ) ޒުލްކިފްލީ ޢަބްދުލް ރަޒާކް އާއި މިޞްރުގެ ޝައިހު އަލް އަޒްހަރުގެ އެޑްވައިޒަރު ޕްރޮފެސަރ ޑރ. ނަހްލާ ޞަބްރީ ޤުޠުބު އަލް-ސަޢީދީ ހިމެނިވަޑައިގަންނަވާކަމަށް އިސްލާމިކް ޔުނިވާސިޓީން ބުނެއެވެ.
އެ ޔުނިވާސިޓީން ބު7ނީ މި ފަހަރުގެ ކޮންފަރެންސަށް 167 ކަރުދާސް ހުށައަޅާފައިވާ ކަމަށާއި އޭގެތެރެއިން 83 ކަރުދާސް ހުށައަޅާފައި ވަނީ ރާއްޖެއިން ބޭރުގެ ފަރާތްތަކުން ކަމަށެވެ.
އަދި މި ކޮންފަރެންސްގައި ބޭރުގެ 18 ގައުމެއްގެ 53 ފަރާތެއް ބައިވެރިވާއިރު ޖުމލަ 473 ފަރާތުން ބައިވެރިވާ ކަމަށްވެސް އެ ޔުނިވާސިޓީން ބުނެއެވެ. މީގެ އިތުރުން އޭޕްރީލް މަހުން މޭ މަހުގެ ނިޔަލަށް މި ކޮންފަރެންސާ ގުޅޭ 8 ޕްރީ-ކޮންފަރެންސް ވޯކްޝޮޕް ގެންގޮސްފައި ވާކަމަށާއި އަދި މި ކޮންފަރެންސްގެ ފުރަތަމަ ދުވަހު 10 ވޯކްޝޮޕް ކުރިއަށް ގެންދާނެ ކަމަށްވެސް އިސްލާމިކް ޔުނިވާސިޓީން ބުނެއެވެ.




