Advertisement
BML Home 2nd Ad

މަސައްކަތްތެރީންނަށް މަގުތައް ފަހިކޮށްދީ، އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ހޯދައި ދިނުމުގައި ސަރުކާރު ދެމި އޮންނާނެ: ރައީސް

މަސައްކަތްތެރީންނަށް މަގުތައް ފަހިކޮށްދީ، ލިބޭ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ހޯދައި ދިނުމުގައި ކޮންމެ ދުވަހަކުވެސް ސަރުކާރު ދެމި އޮންނާނަކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. ރައީސްގެ ހިތާބުގައި ވިދާޅުވެފައިވަނީ، ރާއްޖޭގައި ކުރެވޭ އިޤްތިޞާދީ މަސައްކަތްތައް އިތުރުކުރުމަށާއި، ވަޒީފާގެ ފުރުޞަތުތައް ގިނަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްްވަމުން ގެންދަވާ ކަމަށެވެ.

Advertisement
Etukuri Inside ad 300x300 Desktop

"ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބޭ އުޖޫރަ އިތުރުވާނެ ގޮތްތައް ހޯދައި ދިނުމަށާއި، އެކި ދާއިރާތަކުގެ ޚިދުމަތްތެރީން ދަފްތަރުކޮށް ހިޔާވަހިކަމުގެ ސްކީމްތަކާއި، ބޭންކުން ލޯން ލިބުން ފަދަ ކަންކަން ފަސޭހަކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތަށް އިރާދަކުރެއްވިއްޔާ ބޮޑު ކާމިޔާބެއް އަޅުގަނޑުމެން ހޯދާނަމެވެ." ރައީސްގެ ހިތޯބުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޤައުމަށް ފައިދާ ހުރި މަސައްކަތްތެރި އަތްތައް ގިނަކުރުމަށްޓަކައި، މަސައްކަތުގެ އަޚްލާޤާއި، ހުނަރު ދަސްކޮށްދިނުން ތަޢުލީމީ މަންހަޖުގައި އިތުރުކުރަން ޖެހޭކަމަށެވެ. އަދި ވަޒީފާ އަދާކުރާ ބިދޭސީން ރަނގަޅަށް ބެލެހެއްޓި، ޤާނޫނު ތަންފީޒު ކުރުމަށް ސަރުކާރުން ފެށި މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ދާން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

"މަސައްކަތްތެރީންގެ ބައިނަލްއަޤްވާމީ ދުވަހު، ދިވެހި ކޮންމެ ބެލެނިވެރިއަކަށް އަޅުގަނޑުގެ އިލްތިމާސަކީ، ކޮންމެ ކުއްޖަކީވެސް މަސައްކަތްތަކަށް އަހުލުވެރި ހީވާގި ކުއްޖެއްގެ ގޮތުގައި ބޮޑުކުރަން ޚާއްޞަ ސަމާލުކަމެއް ދިނުމެވެ. އެއާއެކު، އެންމެ ދިވެއްސަކުވެސް، މަސައްކަތެއް ނުކޮށް ބާކީ ވެގެންދާން ދޫކޮށް ނުލަން މުޅި މުޖުތަމަޢު ގުޅިގެން ޤައުމީ މަސައްކަތްތަކެއް ފަށަން ޖެހެއެވެ. ދިވެހީން އެދޭ ތަމައްދުން ހާސިލު ކުރެވޭނީ އޭރުންނެވެ." ރައީސް ވިދާޅުވިއެވެ،

ދިވެހިރާއްޖެ މިއަދު މި ދެކޭ ހިސާބަށް ގެނެސްދިނީ މަސައްކަތްތެރީން ކަމަށާއި، އަދި މާދަމާ ޤައުމު ދާން އުންމީދު ކުރާ އުސްމިންތަކަށް ވާޞިލުކޮށްދޭނީވެސް މަސައްކަތްތެރީން ކަމަށް ރައީސް ވިދާޅުވިއެެވެ. ދިވެހި އުންމަތުގެ ހަކަތައަކީ، ބުންވަރަކީ، އެއްވެސް ޝައްކެއްނެތް ގޮތުގައި މި ޤައުމުގެ ހީވާގި ޚިދުމަތްތެރީން ކަމަށް ރައީސް ވިދާޅުވިއެވެ.

"މަސައްކަތްތެރީންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ މޭ މަހުން ފުރަތަމަ ދުވަސް މުޅި ދުނިޔޭގައި ފާހަގަ ކުރެވެމުން ދިޔަ ނަމަވެސް، އަޅުގަނޑުމެން ގަބޫލު ކުރާ ޙަޤީޤަތަކީ، ކޮންމެ ދުވަހަކީވެސް މަސައްކަތްތެރީންގެ ދުވަހެއް ކަމެވެ. ކޮންމެ ދުވަހަކުވެސް މި ޤައުމު ކުރިއަށް ފިޔަވަޅުތަކެއް މި އަޅަނީ މަސައްކަތްތެރީންގެ ސަބަބުން ކަމެވެ. އެހެންކަމުން، މަސައްކަތްތެރީންގެ އަޑު އެހުމުގައި، އަދި މަސައްކަތްތެރީންނަށް މަގުތައް ފަހިކޮށްދީ، ލިބޭ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ހޯދައި ދިނުމުގައި ކޮންމެ ދުވަހަކުވެސް ސަރުކާރު ދެމި އޮންނާނަމެވެ." ރައީސް ވިދާޅުވިއެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add