މިއަދަކީ ސަރުކާރަށް ކާމިޔާބީގެ އާބޮޅެއް އިތުރުވި ދުވަހެއްކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހާގުޅުވައި ރައީސް ޑރ. މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައިވަނީ މިއަހަރުގެ މަސައްކަތްތެރިންގެދުވަސް މިއަދު ފާހަގަކުރަމުން ދަާއިރު ރާއްޖޭގެ މަސައްކަތްތެރިންގެ އާބާދީގެ ބޮޑުބައެއް ހިއްސާކުރަާ ބިދޭސީ މަސައްކަތްތެރިންގެ ހާލަތާމެދު ވިސްނާލަންޖެހޭކަމަށެވެ.
"2 މޭ 2024 ގައި ފެށި މަސައްކަތް މިއަދާ ހަމަޔަށް އައި އިރު، 150،000 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ވަނީ ނެގި ޑޭޓާބޭސް އަދާހަމަކުރެވިފަ. މި ބުރަ މަސައްކަތުގައި ޝާމިލްވާ އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަން! މިއަހަރުގެ މަސައްކަތްތެރިންގެދުވަސް މިއަދު ފާހަގަކުރަމުން ދަާއިރު ރާއްޖޭގެ މަސައްކަތްތެރިންގެ އާބާދީގެ ބޮޑުބައެއް ހިއްސާކުރަާ ބިދޭސީ މަސައްކަތްތެރިންގެ ހާލަތާމެދު ވިސްނާލަންޖެހޭ." ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޤަވާއިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީން ލައްވާ މަސައްކަތްކުރުވުމުގެ ނަތީޖާއެއްގެގޮތުން އެމީހުންގެ އަސާސީ އިންސާނީ ހައްގުތައްވެސް ނިގުޅައިގަނެވިފައިވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"މިމައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ މިސަރުކާރުގެ އަމާޒެއް. މިކަމަށްޓަކައި ކުރެވޭ އެންމެ ފުރަތަމަ އަދި އެންމެ މުހިއްމު މަސައްކަތަކީ ހުރިހާ ބިދޭސީ މަސައްކަތްތެރިންނަކީވެސް ކާކުކަން ބަޔޯމެޓްރިކަލީ ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުން." ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.




