މަސްތުވާތަކެތީގެ ވިޔަފާރިން ހޯދާ މުދާތައް ދައުލަތަށް ނަގަނީ!

މަސްތުވާތަކެތީގެ ވިޔަފާރިން ހޯދާ މުދާތައް ދައުލަތަށް ނަގާ ގޮތަށް، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނެއުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މަސްތުވާތަކެތިން ހޯދާ މުދާތައް ދައުލަތަށް ނެގުމުގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށާއި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ފަރާތްތައް އެކަމާ ދުރުކުރުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށްށްވެސް ހުށަހަޅުއްވާފައި ވާނެކަމަށެވެ.

މިދިޔަ އަހަރު، ފުޅިއާއި ދަޅު ހިމެނޭހެން ބަނގުރާގެ 10،486 ބާވަތް އަތުލައިގަނެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މަސްތުވާތަކެތި ހޯދާ، އަތުލައިގަތުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ތަފާތު 4،929 މަޝްރޫޢެއް މިދިޔަ އަހަރު ހިންގާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި 11 އަތޮޅެއްގަ ހަރަކާތްތެރިވާ މަސްތުވާތަކެތި ޑިސްޓްރިބިއުޝަން ރިންގު ތަކަކަށް އަމާޒުކޮށްގެން  އޮޕަރޭޝަންތަކެއް ހިންގާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަސްތުވާތަކެއްޗަށް ދެވިހިފާފަވާ މީހުން އެކަމުގެ ތެރެއިން ނެރުމަށް ކުރެވެންދާ މަސައްކަތްތަކުގެ ތެރެއިން ނ.ވެލިދޫ، ކ.ކާށިދޫ އަދި ލ.ގަމުގައި ކޮމިއުނިޓީ ބޭސްޑް ރީހެބިލިޓޭޝަން ސެންޓަރުތަކެއް ޤާއިމްކުރުމަށް އާރުޑީސީއާ ޙަވާލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ވިޔަފާރީގެ ތެރޭގައި އުޅޭ ބިދޭސީންގެ މައްޗަށް ދަޢުވާކުރުމުގެ ބަދަލުގައި އެމީހުން 48 ގަޑިއިރު ތެރޭގައި ޑީޕޯޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *