ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ 354 މީހުން މިހާރުވެސް އެބަތިބިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމަކީ އެމަނިކުފާނު ބޭނުންފުޅުވެވަޑައިގަންނަވާ ގޮތެއް ނޫން ކަމަށާއި މި މައްސަލަ ވަރަށް އަވަހަށް ހައްލުކުރައްވާނެ ކަމަށެވެ. އަދި އެއްވެސް މީހަކަށް އިންސާފުން ބޭރުން އެންމެ ދުވަހަކުވެސް ބަންދުގައި ހުންނަން އެދިވަަޑައިނުގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިގޮތަށް ވާނުވާ ބަންދުގައި މީހުން ތިބި މައްސަލަތަކަކީ ކޮން ކަހަލަ މައްސަލަަތަކެއްތޯ ބައްލަވައިލެއްވިއިރު، ވާނުވާ ބަންދުގައި ތިބި 354 މީހުންގެ ތެރޭގައި، މާރާމާރީގެ މައްސަލަތަކުގައި 70 މީހުންނާއި، ރޭޕާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި 108 މީހުން އަދި ޓެރަރިޒަމުގެ ކުށުގެ ތުހުމަތުގައި 17 އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި 118 މީހުން ހިމެނޭކަމަށެވެ.
މިފަދަ ބޮޑެތި ތުހުމަތުތަކުގައި ހައްޔަރުކޮށްފައިވާ މީހުން މުޖުތަމައަށް ދޫކޮށްލެވޭނެ އެއްވެސް ގާނޫނީ ގޮތެއް ނެތްކަަން ރައީސް ފާހަގަކުރެއްވިއެވެ.
އެހެންކަމުން އެ މައްސަލަ ހައްލުކުރުމަށްޓަކައި އެންމެ ބޮޑަށް ބާރުއަޅުއްވަނީ ކުރިމިނަލް ކޯޓުގެ އައު އިމާރާތުގެ މަސައްކަތް ނިންމުމަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނު އުންމީދުކުރައްވަނީ އަންނަ ޖުލައި މަހުގެ ނިޔަލަށް އެ މަސައްކަތް ނިމުން ކަމަަށެވެ.
އެހެންކަމުން ހުޅުމާލެއަށް ކުރިމިނަލް ކޯޓު ބަދަލުކުރުމުގެ މަސައްކަތް ވަރަށް ހަލުއި ދުވެލީގައި ކުރިއަށްގެންދަވާ ކަމަށް ވިދާޅުވިއެވެ.. އެގޮތުން ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން މިހާރު އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްގެންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
"ކްރިމިނަލް ކޯޓުގައި ވަރަަށް ގިނަ މައްސަލަ އެއްފަހަރާ ބެލޭނެ ކެޕޭސިޓީ ގާއިމުކޮށް އެ ނިމެނީ. ޑްރަގު ކޯޓުވެސް އެ އިމާރާތަށް އެބައާދޭ. މިއިމާރާތް ނިމުނީމާ، ވަރަށް އަވަހަށް ނިމޭނެ، މިހާރު ނުހިނގާ ހުރި ވަރަށް ގިނަ މައްސަލަތައް ބަލައި ނިމޭނެ،" ރައީސް ވިދާޅުވިއެވެ.