މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުމުގައި ނޫސްވެރިންގެ ހުރިހާ ސުވާލަކަށް ޖަވާބު ދެއްވާފައިނޫނީ ހުއްޓަވާ ނުލައްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ކަމަށްވާއިރު، ރައީސް މުއިއްޒު މިއަދު ނޫސްވެރިންނާ ބައްދަލު ކުރެއްވީ 500 ދުވަސް ފަހުންނެވެ. ވާހަކަފުޅު ފަށްޓަވަމުން ވެސް ރައީސްވަނީ، ނޫސްވެރިންގެ ހުރިހާ ސުވާލުތަކަށް މިއަދު ޖަވާބު ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. މިއަދު 10 ޖެހިއިރު ފެށި މި ނޫސްކޮންފަރެންސް މެންދުރު ނަމާދު ވަގުތަށް 12:10 ހާއިރު ވިއްސަކަށް މިނެޓަށް މެދުކަނޑައިލިއެވެ. ރައީސްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތަފުސީލު ހާމަ ކުރެއްވުމަށް ދެ ގަޑިއިރެއްހާއިރު ހޭދަ ކުރެއްވެވިއެވެ. މެންދުރު ނަމާދާ ހަމައަށް އޮތީ ޕްރެޒެންޓޭޝަނެވެ. މެންދުރު ނަމާދަށްފަހު ކުރިއަށް ދިޔައީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމެވެ. ގާތްގަނޑަކަށް 12:30 ގައި ބައްދަލުވުން އަނެއްކާ ފަށައިގެން ގޮސް، އަސުރު ނަމާދު ވަގުތަށް މެދުކަނޑައިލީ 15:15 ގައެވެ. ނަމާދު ވަގުތަށްފަހު 15:50 ގައި އަނެއްކާ ފަށައިގެން ވަނީ ކުރިޔަށް ގެންގޮސްފައެވެ.
ނޫސްވެރިންގެ ބައެއް ސުވާލުތަކަށް ވަރަށް ސާފުކޮށް ރައީސް ޖަވާބު ދެއްވިއިރު އަނެއްބައި ސުވާލުތަކުގެ ޖަވާބު އެޙަ ސާފުނޫންކަމުން ތަކުރާރުކޮށް ބައެއް ސުވާލު ކުރާތަންވެސް ދަނީ ފެންނަމުންނެވެ. ބެލެވޭ ގޮތަކުގައި މިއީ ޤަމުމެއްގެ ރައީސަކު މިހާތަނަށް ބާއްވާ އެންމެ ދިގު އެއް ނޫސްކޮންފަރެންސެވެ.




