މިހާތަނަށް ދުނިޔޭގެ ރައީސަކު ބޭއްވެވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިވަނީ ރެކޯޑު ހައްދަވައި ތާރީޚުން ޖާގަހޯއްދަވާފައެވެ. މިއީ ދުނިޔޭގެ ވެރިޔަކު މިހާތަނަށް ބޭއްވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންގެ ބައްދަލުވުން ފެއްޓެވީ ހެނދުނު 10:00ގައެވެ. ގާތްގަނޑަކަށް 15 ގަޑިއިރު ދެމިގެންދިޔަ މި ނޫސްވެރިންގެ ބައްދަލުވުން ނިމުނީ މެންދަމު 12:54ގައެވެ. ފުރަތަމަ 2 ގަޑިއެއްހާއިރު ކުރިއަށްދިޔައީ ސަރުކާރުން ކުރައްވާ، އަދި ކުރިއަށް ރޭވިފައިވާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭ ވަރަށް ފުރިހަމަ ވަރަށް ތަފްސީލީ ޕްރެޒެންޓޭޝަނެކެވެ. ރައީސް ނޫސްވެރިންނާ މި ބައްދަލު ކުރެއްވީ ގާތްގަނޑަކަށް 500 ވަރަކަށް ދުވަސް ފަހުންނެވެ. އެހެންކަމުން ލައްކަ ސުވާލު ހުންނާނެތާއެވެ. ބެލެވޭގޮތުގައި އެ ޕްރެޒެންޓޭޝަނަކީ ރައްޔިތުންނަށް ވީހާވެސް ފުރިހަމައަށް މައުލޫމާތު ހާމަކޮށްދީ، ނޫސްވެރިންގެ ސުވާލުތައް ވީހާވެސް މަދުކުރުމަށް ހުށައެޅުއްވި ދިގު ޕްރެޒެންޓޭޝަނެކެވެ. ޕްރެންކޮންފަރެންސްގައި ރައީސް ވިދާޅުވީ، ނޫސްވެރިންގެ ސުވާލުތައް ހުސްވަންދެން ޖަވާބު ދެއްވާނެކަމަށެވެ. ބޭނުން ދާއިރާއަކުން ބޭނުން ސުވާލެއް ކުރުމުގެ ފުރުޞަތު ދެއްވިއެވެ.

ސުވާލުކުރަން ލިބުނު ފުރުޞަތުގައި ނޫސްވެރިންގެ ފަރާތުން ގިނަ ޝަކުވާތަކެއް ރައީސައް ކުރެއްވިއެވެ. މިގޮތުން، ރައީސްގެ ވައުދާ އެއްގޮތަށް ހާމަކަން ބޮޑު ގޮތެއްގައި މައުލޫމާތު ނުލިބުމާއި، ނޫސްވެރިންނާ ރައީސް ބައްދަލު ކުރުން ލަސްވުމާއި، މިނިސްޓްރީތަކުންނާއި، ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ހޯދަން އުނދަގޫވުމާއި، ބައެއް މިނިސްޓްރީތަކުން އިފްތިތާހުކުރާ ކަންކަމުގެ މައުލޫމާއި އޭގެ ބޭނުން ރައްޔިތުންނަށް ބުނެ ނުދޭ ކަމުގެ ޝަކުވާއެވެ. މިސާލެއްގެ ގޮތުން "ޅެން ފަރުވާ"ގެ ވާހަކަ ފާހަގަ ކުރިއެވެ. މިއީ ކޮން ކަހަލަ ފަރުވާއެއްކަން ރައީސްއަށްވެސް އެނގިވަޑައި ނުގަންނަވާހެން ރައީސްގެ ޖަވާބުން އެނގެއެވެ. ރައީސް ވިދާޅުވީ، އެ ވަޒީރު މެދުވެރިކޮށް ރައްޔިތުންނަށް އޭގެ މައުލޫމާތު ހިއްސާކުރައްވާނެ ކަމަށެވެ.

ނޫސްވެރިންގެ ކަންބޮޑުވުންތަކާއި، ޝަކުވާ ރައީސް ޑރ. މުހައްމަދު ބަލައިގަތެވެ. އެ ޝަކުވާތައް އަޑުއަށްސަވާ ޤަބޫލުކޮށް އެކަންކަން ރަނގަޅު ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. މިނިސްޓްރީތަކުން ފަސޭހައިން މައުލޫމާތު ލިބޭނެ ގޮތް ހައްދަވައި އަދި އެމަނިކުފާނުވެސް ގިނަ ގިނައިން ނޫސްވެރިންނާ ބައްދަލުކޮށް މައުލޫމާތު ދެއްވާނެކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިތާ ގޮނޑީގައި އިށީންގެގެން ތިއްބަސް 14 ގަޑިއިރު ވާއިރުވެސް ރައީސް ތިޔަ ހުންނަވަނީ ކޮޅަށް، މަނިކުފާނު ކިތަންމެ ފިޓުވިޔަސް ތިއީ ކިހާ އުނގަދޫ ކަމެއްކަން އަޅުގަނޑުމެންނަށް އެނގޭ" ބާރަ ޖަހަން އުޅެނިކޮށް ނޫސްވެރިޔަކު ބުންޏެވެ.
ނޫސްވެރިންގެ ސުވާލުތައް ހުސްވެ އާންމުން ނޫސްވެރިންނަށް ފޮނުވި ސުވާލުތައްވެސް ނޫސްވެރިން ރައީސްއާ ކުރިމަތިކުރުވިއެވެ. މި ހުރިހާ ސުވާލަކަށްވެސް ރައީސް ޖަވާބުދެއްްވިއެވެ. މި ޕްރެސްގައި އެންމެ ބޮޑަށް ފާހަގަވީ ރައީސްގެ ކެތްތެރިކަމާއި މަޑުމައިތިރި ކަމެވެ.