ތިބާގެ ޙަޔާތުގައި ތިބާއަށް ކުރެވިފައިވާ ކަމަކާ ބެހޭގޮތުން ނުވަތަ ތިބާއަށް އަރައިގަނެވިފައިވާ ފާފައަކާ ބެހޭގޮތުން ތިބާ ތައުބާވެފައިވީނަމަވެސް ވާހަކަ ދައްކާ މީހުން ވާހަކަ ދައްކާނެއެވެ. އެމީހުން އެކަންކުރަނީ އެކަމުގެ ނުބައިކަން އެމީހުންނަށް ނޭނގޭތީކީ ނޫނެވެ.
އެފަދަ ބަސްބަސް ބުނާމީހުންނަށް ރައްދު ދިނުމުގެ ބަދަލުގައި، އެކަންކަން އެމީހުންނަށް ދޫކޮށްލާ، ދިރިއުޅުމައިގެން ކުރިޔަށްދާށެވެ. ބޭކާރު ކަންކަމުން ދިފާޢުވުމަށް ހޭދަކުރާ ވަގުތާއި ހަކަތަ އެއަށްވުރެ މާ އަގުބޮޑު ކަމަކަށް ބޭނުންކުރާށެވެ. ކިތަންމެ މަސައްކަތެއް ކުރިޔަސް، ކިތަންމެ ވަރަކަށް ވިސްނައިދިނަސް މީސްތަކުންގެ ދުލުގައި ހިފެހެއްޓުމަކީ ކުޅަދާނަކަމެއް ނޫނެވެ. މީސްތަކުންގެ ދޫތަކުން ސަލާމަތްވުމަކީ ދުވަހަކުވެސް ވާނޭ ކަމެއްނޫނެވެ.
ވީމާ، ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔަސް، ޙިސާބުކުރައްވާ، ޖަޖްކުރައްވާ ފަރާތަކީ މާތް ﷲ ކަން ހަނދާންކުރާށެވެ. މީސްތަކުންގެ ދޫތަކުން ނުކުންނަ ބަސްތަކާމެދު ކަންބޮޑުވެ، ފިކުރުބޮޑުވެ، އެކަމާ ވިސްނާ ވިސްނާ ތިމާގެ އަގުހުރި ވަގުތުތައް އެކަންބޮޑުވުންތަކުގައި ހޭދަނުކޮށް، އެފަދަ ބަސްތަކާމެދު އަޅާނުލާ ކުރިޔަށް ދާށެވެ.
"އައްޝެއިޙް މުޙައްމަދު ޝާފިޢު"