Advertisement
BML Home 2nd Ad

އެމްއައިއެފްސީ އިފުތިތާހުކުރުމަކީ ރާއްޖޭގެ އިގުތިސާދުގެ މުޅިން އައު ބާބެއްގެ ފެށުން: ރައީސް

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސެންޓާ އިފުތިތާހުވެގެން ދިއުމަކީ ދިވެހިރާއްޖޭގެ އިގުތިސާދުގެ މުޅިން އައު ބާބެއްގެ ފެށުންކަމަށާއި، މިއީ ދިވެހިރާއްޖޭގެ އިގުތިސާދުގެ އިންތައް ފަހަނައަަޅައި ސިންދަފާތުކޮށް ކުރިއަށްގެންދިއުމުގެ ތަސައްވުރު ހަގީގަތަކަށް ހެދުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ މާލީ ފްރީ ޒޯނުގެ ގޮތުގައި ތަރައްގީކުރާ އެމްއައިއެފްސީ ތަރައްގީކުރުމަށް 8.8 ބިލިއަން ޑޮލަރު އިންވެސްޓުކުރުމާ ގުޅޭ އެއްބަސްވުމެއްގައި ޤަޠަރުގެ ޝާހީ ޢާއިލާގެ ކުންފުންޏެއްކަމަށްވާ އެމްބީއެސް ގްލޯބަލް އިންވެސްޓްމެންޓްސް ކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މިއީ ރާއްޖޭގެ ތާރީޚުގައިވެސް މުހިއްމު ވަގުތުކޮޅެއް ކަމަށެވެ.

Advertisement
Etukuri Inside ad 300x300 Desktop

"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އުފެއްދުންތެރިންނާއި ދުރުވިސްނާ މީހުންނާއި، އިންވެސްޓަރުންނަށް އަޅުގަނޑުގެ ގޮވައިލުމަކީ މާލީ ދާއިރާގެ މުސްތަގުބަލު އޮތީ މިތަނުގައި ކަމަށް. އެއީ ދެމެހެއްޓެނެވި ޝާމިލު އިންސާނީ މުސްތަގުބަލެއް. އެއީ ދިވެހިރާއްޖޭގެ ބައިނަލްއަގުވާމީ މާލީ މަރުކަޒު. އެ މަރުކަޒު ފެށެނީ ދިވެހިރާއްޖެއިން،" ރައީސް ވިދާޅުވިއެވެ.

ފެށިގެންދާ ދިވެހި ތާރީޚުގެ އައު ބާބަކީ އުންމީދާއި އުފެއްދުންތެރިކަމާއި އިންގިލާބީ ބަދަލުތަކުން ފުރިގެންވާ ބާބެއްގެ ގޮތުގައި ސިފަކުރައްވަމުން ރައީސް ވިދާޅުވީ މިއީ ހަމައެކަނި ބިނާރު ތަރައްގީކުރުމަށް ކުރާ މަސައްކަތެއް ނޫން ކަމަށާއި، މިއީ ދިވެހިރައްޔިތުން ފަޚުރާއި ވިލުންތެރިކަމާއި ފުރުސަތުތަކުން ބާރުވެރިކުރުވުމަށް ދިވެހި ސަރުކާރުން ފަށާ މަސައްކަތެއް ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި މި މަރުކަޒަކީ ދިވެހިންނަކީ ކޮން ބައެއްކަން އަދި ކުރިއަށް އޮތް ތަނުގައި ވާން ބޭނުންވަނީ ކޮން ބައަކަށްކަން ރަމްޒުކޮށްދޭ މަރުކަޒެކެވެ. އެގޮތުން އެ މަރުކަޒު ރަމްޒުކޮށްދެނީ ހަމައެކަނި ފަތުރުވެރިކަމުގެ މަންޒިލަކަށް ނުވާ، ބައިނަލްއަގުވާމީ ބަދަލުތައް ގެނައުމުގެ މެދުވެރިޔަކަށްވާ ރާއްޖެއެއްކަމަށާއި، އެތަނުން ރަމްޒުކޮށްދެނީ ކުޑަ ޖަޒީރާ ޤައުމެއް އެކަނި ނޫންކަމަށާއި ނަމަވެސް ސްމާޓް ޖަޒީރާ ޤައުމެއްކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ރާއްޖެއިން މަސައްކަތްކުރާނީ މާލީ ދާއިރާގެ ކުރީގެ މޮޑެލްތައް ކޮޕީކުރުމަށް ނޫންކަމަށާއި، ރާއްޖޭގެ އަމާޒަކީ ޝާމިލު ޑިޖިޓަލް ހިދުމަތަށް އިސްކަންދޭ ހުދޫދުތަކުން ބަދެވިފައި ނެތް މުސްތަގުބަލަށް ތައްޔާރުވެފައިވާ މާލީ ނިޒާމެއް ގާއިމުކުރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އެތައް ބިލިއަން ޑޮލަރެއްގެ އާމްދަނީ އުފައްދައި، ގައުމީ އުފެއްދުންތެރިކަމަށް އެތައް ގިނަގުނަ ހިއްސާއެއްވާ މަރުކަޒެއްގެ ގޮތުގައި އެމްއައިއެފްސީވާނީ އެކި ސިނާއަތްތަކުގައި ހުރި ފުރުސަތުތައް ހުޅުވައިދީ މުޖުތަމައުތައް އުފުލައިލަދީ އަންނާން ހުރި ޖީލުތަކަށް ފުރުސަތުތައް ހުޅުވައިދޭ މަރުކަޒަަކަށް ކަމަށެވެ.

އަދި އިތުރަށް އެމަނިކުފާނު ވިދާޅުވީ މި މަރުކަޒީ މި ސަރުކާރުގެ ލެގަސީއަށް ވާނެ ކަމަށެވެ. އެއީ ދަގަނޑާއި ގަލުގެ ލެގަސީއެއް ނޫންކަމަށާއި އެއީ ހިތްވަރުގަދަ ނިންމުންތަކާއި، ވަރުގަދަ ގުޅުންތަކާއި ގައުމީ އަމާޒެއްގެ މައްޗަށް ބިނާވެފައިވާ ލެގަސީއެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ގިނަ ބޭނުންތަކަށް ބޭނުންކުރެވޭ ތަރައްޤީގެ މި މަޝްރޫޢު ފަރުމާކޮށްފައިވަނީ މާސްޓަރ ޕްލޭނަރ އާކިޓެކްޓް ޖިއާނީ ރަނާއުލޯއެވެ. މުޅި މާސްޓަރ ޕްލޭނުން ފެށިގެން ވަކިވަކި ޢިމާރާތްތަކާ ހަމައަށް ކޮންމެ ސްޓްރަކްޗަރެއްވެސް ފަރުމާކޮށްފައިވަނީ ދިވެހިރާއްޖޭގެ ދިރޭތަކެއްޗާއި ކަނޑުގެ ތިމާވެށީގެ ނިޒާމަށް ބިނާކޮށެވެ. މި މަޝްރޫޢުގެ ޖުމްލަ ބޮޑުމިނަކީ 780,000 އަކަމީޓަރެވެ. މި ސަރަޙައްދުގައި 6,500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެއެވެ. އަދި ދުވާލެއްގެ މައްޗަށް 35,000 މީހުން މި ސަރަޙައްދަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެއެވެ.

ދިވެހި ސަރުކާރާއެކު އެމްބީއެސްއާއި ދެމެދު ސޮއިކުރެވުނު ފުރަތަމަ އެއްބަސްވުމަކީ، ދިވެހި ސަރުކާރައި ޔޫއޭއީގެ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓް ގުޅިގެން މާޅެ ސަރަހައްދުގައި މާލީ ވިޔަފާރީގެ މަރުކަޒެއް ތަރައްޤީކުރުމު އެއްބަސްވުމެވެ. މި ސަރަޙައްދު ފަރުމާކުރެވިފައިވަނީ ދުނިޔޭގެ މާލީ މުއައްސަސާތަކާއި، ޑިޖިޓަލް ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކަށޭނެ ގޮތައް ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މި ރަސްމީއްޔާތުގެ ތެރެއިން ދިވެހި ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކް ހިނގުމާއި ގުޅޭ އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކޮށްފައެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add