އުމުރުން އެންމެ 6 އަހަރުގައި ލިވަޕޫލާ ގުޅުނު އާނޯލްޑް، 20 އަހަރުފަހުން ލިވަޕޫލް ދޫކޮށްލަން ނިންމައިފިއެވެ.
ކުލަބްދޫކޮށްލަން ނިންމާފައިވާކަން އާނޯލްޑްވަނީ އިއުލާންކޮށްފައެވެ. ލިވަޕޫލްގެ ވައިސް ކެޕްޓަންކަން ވެސް އަދާކުރާ އުމުރުން 26 އަހަރުގެ ޑިފެންޑަރު ލިވަޕޫލް އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ.

އުމުރުން އެންމެ 6 އަހަރުގައި ލިވަޕޫލްގެ އެކަޑަނީއާ ގުޅުނު އާނޯލްޑް ލިވަޕޫލްގެ ސީނިއާ ޓީމާ ގުޅުނީ އުމުރުން 18 އަހަރުގައެވެ.

އާނޯލްޑް ވަނީ ލިވަޕޫލް އަށް 2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް 352 މެޗު ކުޅެފަ އެވެ. އޭނާވަނީ ކުލަބް ލެވެލްގައި ހޯދޭނެ ހުރިހާ ކާމިޔާބީއެއް ލިވަޕޫލާއެކު ހޯދާފައެވެ. އޭގެތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު 2 ފަހަރު، ޔޫއެފާ ޗެމްޕިއަންސް ލީގާއި، އިނގިރޭސި އެފްއޭ ކަޕާއި ލީގުކަޕްގެ އިތުރުން ފީފާ ކުލަބް ވޯލްޑްކަޕްވެސް ހިމެނެއެވެ. މީގެއިތުރުން އިނގިރޭސި ކޮމިއުނިޓީ ޝީލްޑާއި ޔޫއެެފާ ސުޕަކަޕްވެސް ވަނީ ހޯދާފައެވެ. އޭނާ ވަނީ ލިވަޕޫލަށް 23 ގޯލް ޖަހައިދިނުމުގެ އިތުރުން 86 ގޯލް ޖަހަން އެސިސްޓްކޮށްދީފައެވެ. އޭނާ އަކީ ޕްރިމިއާ ލީގުގެ ތާރީހުގައި މިހާތަނަށް އެންމެ ގިނަ އެސިސްޓް ހެދި ޑިފެންޑަރެވެ.

އާނޯލްޑް ހޯދުމަށް ފާއިތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ރެއާލް މެޑްރިޑުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. މިއަހަރު ޖެނުއަރީ ޓްރާންސްފަރ މާރކެޓްގައިވެސް ރިއަލްމެޑްރިޑުން ވަނީ އާނޯލްޑް ހޯދަން ރަސްމީކޮށް ބިޑް ކޮށްފައެވެ. ނަމަވެސް ލިވަޕޫލުން ވަނީ މި ބިޑް ރިޖެކްޓްކޮށްފައެވެ. އާނޯލްޑް މެޑްރިޑަށް އެންމެ ބޮޑަށް ބާރުއަޅަނީ މިހާރު ރިއަލްމެޑްރިޑަށް ކުޅެމުން އަންނަ އޭނާގެ އެންމެ ގާތް އެކުވެރިޔާ ޖޫޑް ބެލިންގހަމް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

"އެންމެ ފުރަތަމަ ކަމަކަށް މިއީ އަހަންނަށް ފަސޭހަ ނިންމުމެއް ނޫން، ވިހި އަހަރު ދުވަސް މި ކްލަބްގައި ހޭދަކުރިއިރު ކޮންމެ މިނިޓަކާ މެދު ވެސް ފަހުރުވެރިވޭ، އެކަމަކު، މިއީ، ކެރިއަރުގައި އާ ޗެލެންޖެއް ނަގަން ޖެހޭ ވަގުތު ކަމަށް ގަބޫލުކުރެވޭތީ، އަހަރެން ކްލަބް ދޫކޮށްލަން ނިންމީ،" އާނޯލްޑް ބުންޏެވެ.
