"މޯލްޑިވްސް 2.0″ އަކީ ރާއްޖެ އިންޤިލާބީގޮތުން ޑިޖިޓަލައިޒްކުރުމުގެ ފެށުންކަމަށާއި މިއީ ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ހިމެނޭހެން ހިންގޭ މަޝްރޫޢެއްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، "މޯލްޑިވްސް 2.0″ ސަމިޓް ހުޅުވުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
"މޯލްޑިވްސް 2.0″ އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ސަރުކާރުގެ މަސައްކަތްތަކާއި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލައިޒޭޝަން ނިޒާމަކުން މިހާރަށްވުރެ ފުޅާކޮށް ގުޅުވާލުމަށް އިފްތިތާޙްކުރި ޚާއްސަ މަޝްރޫޢެކެވެ.
"މޯލްޑިވްސް 2.0″ ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، މިއީ ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރު ޙަޤީޤަތަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އަހަންމިއްޔަތު ރަމްޒުކޮށްދޭ ކަމެއްކަމަށެވެ. މި މަޝްރޫޢަކީ ދިވެހި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ހިމެނޭހެން އަދި ދައުލަތުގެ 3 ބާރުގެވެސް ފުރިހަމަ ބައިވެރިވުމާއި ޝާމިލުވުން ހިމެނޭހެން ހިންގޭ މަޝްރޫޢެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، "މޯލްޑިވްސް 2.0″ އާއެކު ފެށިގެން މިދަނީ ރާއްޖެ އިންޤިލާބީގޮތުން ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްކަމަށެވެ. އަދި މިއީ ރައީސް ޑރ. މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ ދަށުން މި ދާއިރާއިން ދުނިޔޭގައި ކުރިއަރާފައިވާ ޤައުމުތަކުގެ ފަންނީ ލަފަޔާއި މި ދާއިރާގައި ރާއްޖޭގައި ހަރަކާތްތެރިވާ ފުންނާބު އުސް މާހިރުންގެ ޚިޔާލާ މަޝްވަރާއާއެކު އެކުލަވާލެވުނު މަޝްރޫޢެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުން ތަންފީޛުކުރެވޭ އިސްލާހީ މަސައްކަތްތަކާއެކު ފިޒިކަލް އަދި ޑިޖިޓަލް ކިއުތަކުގެ ބަދަލުގައި މަދު ކްލިކްތަކަކުން ޚިދުމަތް ލިބޭނެގޮތަށް ޚިދުމަތްތައް ފަރުމާކުރެވޭނެއެވެ. އަދި ހިންގުމުގައި އަދި ޚިދުމަތް ހޯދުމުގައި ވަކިވެފައިވާ ރަށްތަކެއްގެ ވިސްނުމާއިޚިދުމަތް ދިނުމަށް ވަކި ވަކި ނިޒާމުތެއް ގެންގުޅޭކަމުގެ އިހުސާސްގެބަދަލުގައި، ގުޅިފައިވާ ވިއުގައަކުން ޚިދުމަތް ލިބޭ ޤައުމެއް ގޮތަށްރައްޔިތުންގެ އިހްސާސްތަކާއި ތަޖްރިބާ ބަދަލުކުރެވޭނެއެވެ. މީގެއިތުރުން ޚިދުމަތްތައް ލިބުމުގައި ލަސްވާ ލަސްވުމަށް ފަރުވާހޯދައި، އަވަސް ޚިދުމަތެއް ފޯރުކޮށްދިނުން އަދި ނަތީޖާ ނެރުމަށް އިސްކަންދެވޭނެއެވެ. އަދި ޚިދުމަތް ހޯދުމުގައި ކަންކަންވާންވީ ގޮތް ނޭނގޭގޮތަށް އޮންނަ އޮތުން ބަދަލުކޮށް ދެފުށްފެންނަ ހުޅުވާލެވިފައިވާ ޚިދުމަތް ދިނުމުގެ ނިޒާމެއް ބައްޓަންކުރެވޭނެއެވެ.
މޯލްޑިވްސް 2.0 އަކީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލްކޮށްދިނުމަށް ސަރުކާރުގެ އިސްނެގުމާއެކު ހިންގަންފަށާ މަޝްރުޢެކެވެ.