ފްރާންސްގެ ކެޕްޓަން އަދި އެފަދަ ދެވަނަ އެއް ނެތް ފޯވަރޑް ކީލިއަން އެމްބާޕޭ ދަނީ ދުނިޔޭގެ ފުޓުބޯޅައިގާ ބޮޑެތި ރެކޯޑުތަކެއް މުގުރަމުންނެވެ. ގޯލުޖެހުމުގައި އެފަދަ ދެވަނައެއް ނެތް އެމްބާޕޭއަކީ ހަލުވި އެހާމެ ދުވެލިބާރު ކުޅުންތެރިއެކެވެ. މިސަބަބާހުރެ އިދިކޮޅު ޑިފެންޑަރުންނަށް އެމްބާޕޭ ހުއްޓުވުމަކީ ދަނޑުމަތީގައި ބޮޑު ހަނގުރާމައެކެވެ.
ފްރާންސްގެ ޕީއެސްޖީގައި 7 ސީޒަން ހޭދަކޮށް، އެކްލަބުގެ ތާރީޚުގައިވެސް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަޤާމު އެމްބާޕޭވަނީ ހޯދާފައެވެ. މީގެ އިތުރުން، އެކްލަބު ކުޅޭ ޔޫރަޕްގެ ހުރިހާ މުބާރާތެއްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަކީވެސް އެމްބާޕޭއެވެ. ޖުމްލަ، ޕީއެސްޖީއަށް އެމްބާޕޭވަނީ 256 ގޯލު ޖަހައިދީފައެވެ.

ސްޕެއިންގެ މަޝްހޫރު ރެއަލް މެޑްރިޑަށް އެމްބާޕޭ ބަދަލުވީ ނިމިދަޔަ އަހަރުގެ ޖުލައި މަހުއެވެ. ރެއަލް މެޑްރިޑާއެކު ފުރަތަމަ ދުވަސްކޮޅު އެމްބާޕޭއަށްވީ އުނދަގޫ ދުވަސްކޮޅަކަށެވެ. މީޑިއާގެ ޕްރެޝަރާއި ރެއަލް މެޑްރިޑްގައި ސެންޓަރ ފޯވަރޑަށް ކުޅެންޖެހޭތީ ޓީމަށް ހޭނުމަށް ވަގުތު ކޮޅެއް ނެގިއިރު، ދުނިޔޭގެ އެތަކެއް މީޑިއާތަކަކުން އެމްބާޕޭއަށް ދިޔައީ ފާޑުކިޔަމުންނެވެ. ބައެއް މީޑިއާތަކުން ބުނިގޮތުން އެމްބާޕޭއަކީ ރެއަލް މެޑްރިޑުން ހެދި އެޑެން ހަޒާޑްގެ ޓްރާންސްފަރ ފަދަ ފްލޮޕެކެވެ. އެހެން ނަމަވެސް، އެމްބާޕޭ އަންނަނީ ރެއަލް މެޑްރިޑާއެކު މިހާރު ތަފާތު ދައްކަމުންނެވެ.

ރެއަލް މެޑްރިޑްގެ މުޅި ތާރީޚުގައިވެސް ފުރަތަމަ ސީޒަންގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރިކޯޑް 40 ގޯލު ޖަހައިގެން މިހާރު އެމްބާޕޭވަނީ މުގުރާލާފައެވެ. މިރެކޯޑު ކުރިން އޮތީ ޗިލީގެ އިވާން ޒަމަރާނޯ އަތުގައެވެ. މީގެ އިތުރުން، މިހާރު އެމްބާޕޭވަނީ އިތުރު އެހެން ރެކޯޑެއްވެސް ހަދާފައެވެ. އެއީ، ފުރަތަމަ ސީޒަންގައި ލަލީގާގައި ރެއަލް މެޑްރިޑަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑެވެ. އެއީ، 29 ގޯލު ޖަހައިގެންނެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގައިވެސް އެމްބާޕޭވަނީ 55 ގޯލު ޖަހައިގެން، 8 ވަނައަށް ޗެމްޕިއަންސް ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަޤާމު ހޯދާފައެވެ. ލަނޑު ލިސްޓުގެ 8 ވަނައިން 6 ވަނަ އަށް އެރުމަށް އެމްބާޕޭއަށް ބޭނުންވަނީ ޗެމްޕިއަންސް ލީގުގައި އިތުރު 2 ގޯލު ޖަހާށެވެ. މީގެ އިތުރުން، ވޯލްޑްކަޕްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަޤާމު ހޯދުމަށް އެމްބާޕޭއަށް ބޭނުންވަނީވެސް އެންމެ 4 ގޯލެވެ. މިއީ، އާޖެންޓީނާގެ ލިއޮނެލް މެސީ އަދި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ، ޖަރުމަނުގެ މިރޮސްލާވް ކްލޯސޭ އަދި ބްރެޒިލްގެ ލެޖެންޑް ރޮނާލްޑޯގެ ސްކޯރިންގ ރޭޓަށްވުރެ ހުރިހާ ގޮތަކުން ރަނގަޅު ފޯމެކެވެ.

ލަލީގާގައި އަދި 2 މެޗު ރެއާލް މެޑްރިޑްގައި އެމްބާޕޭ ކުޅޭއިރު، ފީފާ ކްލަބް ވޯލްޑްކަޕުގައިވެސް އެމްބާޕޭ ރެއަލް މެޑްރިޑާއެކު ފެންނާނެއެވެ. އަދި، ޔުއެފާ ނޭޝަންސް ލީގުގައިވެސް ފްރާންސާއެކު އެމްބާޕޭ ސްޕޭނާއި ވާދަކުރާނެކަމުގައި ބެލެވޭއިރު، މުޅި ސީޒަން ނިމޭއިރު، އެމްބާޕޭ ސްކޯރިންގ ރެކޯޑު 60 އާއި ގާތްކުރާނެ ކަމުގައި މިހާރު ބެލެވެއެވެ.