ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާ އާނޯލްޑަށް މަލާމާތްކޮށް ނުހެދުމަށް ފޯވާޑް މުޙައްމަދު ސަލާހު ސަޕޯޓަރުންގެ ކިބައިން އެދިއްޖެއެވެ.
ސަލާހު މިހެން ބުނީ ލިވަޕޫލް ދޫކޮށްލަން މިދިޔަ ހަފުތާގައި އާނޯލްޑް އިއުލާނު ކުރުމާއެކު ސަޕޯޓަރުން ނުރުހުން ފާޅުކޮށް އޭނާއާ ދިމާކުރަން ފެށުމުންނެވެ. މިދިޔަ ހަފްތާގައި ލިވަޕޫލާ އާސެނަލް ކުޅުނު މެޗްގައި ސަޕޯޓަރުން ވަނީ އާނޯލްޑާ ދިމާކޮށް، މަލާމާތްކޮށްފަ އެވެ.

ނަމަވެސް ސަލާހް ބުނީ އާނޯލްޑަކީ ލިވަޕޫލަށް މިދިޔަ އަށް އަހަރު ކާމިޔާބު ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް ކުޅުނު އެއް ކުޅުންތެރިޔާ ކަމަށެވެ. މިހެންވެ ޝަރަފުވެރިކަމާއެކު އާނޯލްޑް ކުލަބުން ދާން ފުރުސަތު ދިނުން ވަރަށް މުހިންމު ކަމަށެވެ.
"ހިޔާލަށް ގެނެސްބަލަ މީހަކު 20 އަހަރު ވެންދެން އެ ބަޔަކަށްޓަކައި ކުޅެދިން ކުޅުންތެރިއަކާމެދު. އެމީހަކާމެދު މިގޮތަށް ކަންތައްތައް ވެގެން ނުވާނެ. އަހަރެން އުއްމީދު ކުރަނީ ކުރިއަށް އޮތް މެޗުގައި އާނޮލްޑޯ މެދު ކަންތައްތައް ކުރާ ގޮތް ބަދަލުވާނެ ކަމަށް. އޭނާ އަށް ޝަރަފުވެރި ވަދާއީ ސަލާމެއް ލިބުން މުހިންމު،" ސަލާހް ބުންޏެވެ.
ސަލާހުބުނީ އާނޯލްޑްގެ ނިންމުމަށް އޭނާ އިހުތިރާމްކުރާކަމަށާއި ސަޕޯޓަރުންވެސް އޭނާއަށް އިހުތިރާމްކުރުމަށް އެދޭކަމަށެވެ.
"އަހަރެން އޭނާ މަތިން މިސްވާނެ. އަހަރެން ބުނިން ފެއާވެލްގައި އަހަރެންނާ ހަތަރު ކަޅި ހަމަނުކުރާށޭ. އަހަރެން ވަރަށް ލޯބިވެޔޭ އޭނާ ދެކެ. އެހެން ކުލަބަކަށް ބަދަލުވުމަކީ އޭނާގެ ނިންމުމެއް. އަހަރެން އޭނާ ގާތުގައި މާގިނަ ވާހަކަ ދައްކާކަށް ބޭނުމެއްނޫން. ސަބަބަކީ އަހަރެންގެ ޓީމުގައި އޭނާ ހުންނަން އަހަރެން އެދޭތީވެ. އެކަމަކު އޭނާގެ ނިންމުން އަހަރެން ބަލައިގަންނަން،" ސަލާހް ބުންޏެވެ.
މި ސީޒަން ނިމުމުން ލިވަޕޫލްގެ ކޮންޓްރެކްޓް ހަމަވާ 3 ކުޅުންތެރިންނަކީ ސަލާހާއި ވެންޑައިކްގެ އިތުރުން އާނޯލްޑެވެ. މީގެތެރެއިން ސަލާހާއި ވެންޑައިކް އިތުރު 2 އަހަރު މަޑުކުރަން ނިންމިއިރު އާނޯލްޑް ނިންމީ ލިވަޕޫލް ދޫކޮށް ރިއަލްމެޑްރިޑަށް ބަދަލުވާށެވެ.
"ސަޕޯޓަރުން އާނޮލްޑާމެދު ކަންތައްތައް އެކުރާ ގޮތުން އަހަރެން ދެރަވޭ. އަހަރެން މިހުރީ ހައިރާންވެފައި. މިއީ ލިވަޕޫލްގެ ސަޕޯޠަރުން ކަންތައްތައް ކުރަންވާނެ ގޮތެއްނޫން. އެއްވެސް މީހަކާމެދު އަހަރުމެން މި ގޮތަށް ކަންތައްތައް ކޮށްގެން ނުވާނެ. މިތަނަށް ހަ މަސް ދުވަހަށް މީހަކު އައި ނަމަވެސް އަހަރުމެން އެމީހެއްގެ އަގު ވަޒަން ކުރަންވާނެ،" ސަލާހު ބުންޏެވެ.
އާނޯލްޑްގެ ބަދަލުގައި ލިވަޕޫލުން ހޯދަން މަސައްކަތްކުރަނީ ލެވަކޫސަންގެ ފްރިންގޕޮންގެވެ.

އުމުރުން އެންމެ 6 އަހަރުގައި ލިވަޕޫލްގެ އެކަޑަނީއާ ގުޅުނު އާނޯލްޑް ލިވަޕޫލްގެ ސީނިއާ ޓީމާ ގުޅުނީ އުމުރުން 18 އަހަރުގައެވެ.

އާނޯލްޑް ވަނީ ލިވަޕޫލް އަށް 2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް 352 މެޗު ކުޅެފަ އެވެ. އޭނާވަނީ ކުލަބް ލެވެލްގައި ހޯދޭނެ ހުރިހާ ކާމިޔާބީއެއް ލިވަޕޫލާއެކު ހޯދާފައެވެ. އޭގެތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު 2 ފަހަރު، ޔޫއެފާ ޗެމްޕިއަންސް ލީގާއި، އިނގިރޭސި އެފްއޭ ކަޕާއި ލީގުކަޕްގެ އިތުރުން ފީފާ ކުލަބް ވޯލްޑްކަޕްވެސް ހިމެނެއެވެ. މީގެއިތުރުން އިނގިރޭސި ކޮމިއުނިޓީ ޝީލްޑާއި ޔޫއެެފާ ސުޕަކަޕްވެސް ވަނީ ހޯދާފައެވެ. އޭނާ ވަނީ ލިވަޕޫލަށް 23 ގޯލް ޖަހައިދިނުމުގެ އިތުރުން 86 ގޯލް ޖަހަން އެސިސްޓްކޮށްދީފައެވެ. އޭނާ އަކީ ޕްރިމިއާ ލީގުގެ ތާރީހުގައި މިހާތަނަށް އެންމެ ގިނަ އެސިސްޓް ހެދި ޑިފެންޑަރެވެ.

އާނޯލްޑް ހޯދުމަށް ފާއިތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ރެއާލް މެޑްރިޑުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. މިއަހަރު ޖެނުއަރީ ޓްރާންސްފަރ މާރކެޓްގައިވެސް ރިއަލްމެޑްރިޑުން ވަނީ އާނޯލްޑް ހޯދަން ރަސްމީކޮށް ބިޑް ކޮށްފައެވެ. ނަމަވެސް ލިވަޕޫލުން ވަނީ މި ބިޑް ރިޖެކްޓްކޮށްފައެވެ. އާނޯލްޑް މެޑްރިޑަށް އެންމެ ބޮޑަށް ބާރުއަޅަނީ މިހާރު ރިއަލްމެޑްރިޑަށް ކުޅެމުން އަންނަ އޭނާގެ އެންމެ ގާތް އެކުވެރިޔާ ޖޫޑް ބެލިންގހަމް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
