މިއަދު މެންދުރު މާލެސަރަހައްދަށް ދިމާވި ކަރަންޓްގެ މައްސަލަ ހައްލުވެއްޖެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ މާލޭގެ ބޮޑު ބަޔަކަށް މިހާރު ކަރަންޓްދީފައިވާ ކަމަށާއި ހުޅުމާލޭ ފޭސް އެކަކަށް އަދި ފޭސް ދޭއްގެ ބޮޑު ބަޔަކަށްވެސް މިހާރު ކަރަންޓް ދީފައިވާ ކަމަށެވެ. އަދި ކުރިއަށްއޮތް 30 މިނެޓް ތެރޭގައި ހުރިހާ ސަރަހައްދަކަށްވެސް ކަރަންޓް ދެވޭނެކަމަށް ސްޓެލްކޯއިން ބުންޏެވެ. ސްޓެލްކޯއިން ބުނީ ކަރަންޓް ކެނޑެން ދިމާވި މައްސަލަ ހައްލުކޮށްފައިވާކަމަށާއި މިކަމުގެ ސަބަބުން އެއްވެސް ޖަނަރޭޓަރަކަށް އަދި ޓްރާންސްފޯމަރަކަށް އަދި ކޭބަލަކަށްވެސް ގެއްލުންވެފައި ނުވާ ކަމަށެެވެ.
މާލެ ސަރަހައްދުން ކަރަންޓު ކެނޑުނީ މިއަދު މެންދުރު 12:30 އެހާ ކަންހާއިރުއެވެ. ޖަނަރޭޓަރުތަކުގެ ޗެކަޕް ހެދުމަށްފަހު ކަރަންޓް އަލުން ދޭން ފެށީ 4 ގަޑިއިރަށްފަހުއެވެ. ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑުނީ ކަރަންޓް ގްރިޑަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.
ކަރަންޓު ކެނޑުނު ނަމަވެސް މާލެ ސިޓީ ގުރޫޕު އޮފް ހޮސްޕިޓަލްސްއިން ފޯރުކޮށްދޭން ޖެހުނު އެއްވެސް ފަރުވާއަކަށް ބުރުއަރާފައިނުވާކަމަށް ސީއީއޯ ޢަބްދުލްރައްޒާޤު ޙަލީމްވަނީ ވިދާޅުވެފައެވެ. ސީއީއޯ ވިދާޅުވީ މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްގައި ހިމެނޭ ވިލިނގިލީ ހޮސްޕިޓަލް ފިޔަވައި އެހެން ހުރިހާ ތަނަކުން ކަރަންޓު ދިޔަކަމަށެވެ. އެއާއެކު ބެކަޕް ޖަނަރޭޓަރު ސެޓުތައް ބޭނުންކޮށްގެން ހޮސްޕިޓަލްގެ ޚިދުމަތްތަކަށް ބުރުނާރާނެހެން ކަރަންޓު ދޭން ފެށިކަމަށް ވިދާޅުވިއެވެ.
ކަރަންޓު ކެނޑުމާއެކު އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ އަންގަވާފައެވެ. އަދި މިފަދަ ކަމެއް ތަކުރާރު ނުވާނެހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމުކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ފުލުހުންވެސް ގެންދަނީ މި މައްސަލަ ތަހުޤީޤު ކުރަމުންނެވެ.