ޖޮޓާގެ ކޮންޓްރެކްޓް ބާކީ މުސާރަ އާއިލާ އަށްދީ، ދަރިންގެ ހަރަދު ވެސް ލިވަޕޫލުން ބަލަހައްހައްޓަނީ!

ސްޕެއިނުގައި ހިނގި ކާރު އެކްސިޑެންޓެއްގައި، މަރުވި ޑިއޯގޯ ޖޮޓާގެ ކޮންޓްރެކްޓްގެ ބާކީ އޮތް ދެ އަހަރުގެ މުސާރަ އޭނާގެ އާއިލާ އަށް ދޭން ލިވަޕޫލުން ނިންމައިފިއެވެ.

ޖޮޓާ ލިވަޕޫލްއާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2027 ވަނަ އަހަރުއެވެ. މި ކޮންޓްރެކްޓްގެ ދަށުން އޭނާއަށް ހަފްތާއެކު އެއްލައްކާ ސާޅީސްހާސް ޕައުންޑް ލިބޭނެއެވެ. މި ފައިސާ ޖޮޓާގެ އާއިލާއަށް ދޭން ނިންމާފައިވާއިރު އޭނާގެ 3 ދަރިންނަށް ގާނޫނީ ގޮތުން، އާއިލާގެ ޒިންމާއާ ހަވާލުވެފައި އޮންނަ މުއްދަތަށް ހިނގާ ހަރަދުތައް ވެސް ހަމަޖައްސަައިދޭން ލިވަޕޫލުން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ކުޑައިރުން ފެށިގެން ލޯބީގެ ގޮތުން ގުޅިގެންއުޅުނު ރޫޓްއާ ޖޮޓާ ކައިވެނި ކޮށްފައިވަނީ، މީގެ ދެ ހަފްތާ ކުރިންނެވެ. ޖޮޓާ އާއި ރޫޓް އަށް ތިން ދަރިން ލިބިފައިވެ އެވެ.  ލިވަޕޫލުން ވަނީ ޖޮޓާ ބޭނުންކުރަމުން އައި، 20 ނަމްބަރު ޖޯޒީ ދެން ބޭނުންނުކުރަން ނިންމައިފި އެވެ. އެކަން ރަސްމީކޮށް ވަނީ އިއުލާނުކޮށްފަ އެވެ.

ޖޮޓާގެ ޖަނާޒާ މިއަދު ހެނދުނުވަނީ ބާއްވާފައެވެ. މި ޖަނާޒާ އޮތީ ޖޮޓާ އުފަންވި އަވަށްކަމަށްވާ ޕޯޗުގަލްގެ ވެރިރަށް ޕޯޓޯ ކައިރީގައިވާ ގޮންޑޮމާގަ އެވެ. އޭނާގެ ޖަނާޒާގައި ޕޯޗުގަލްގެ ރައީސް މާސެލޯ ރެބޭލޯ އާއި ބޮޑު ވަޒީރު ލުއިސް މޮންޓެނެގްރޯ އާއި ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ޕެޑްރޯ ޕޮރެންކާ ބައިވެރިވި އެވެ. އަދި ލިވަޕޫލްގެ އިސް ބައެއް ވެރިންނާއި ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް ވަނީ ޖަނާޒާ އަށް ޕޯޗުގަލް އަށް ގޮސްފަ އެވެ. މީގެއިތުރުން ޖޮޓާއާއެކު ލިވަޕޫލަށް ކުރިންކުޅުނު ކުރީގެ ކެޕްޓަން ޖޯޑަން ހެންޑަސަން އާއި ބްރެޒިލްގެ ފަބީނިއޯ އާއި ސްޕޭނުގެ ތިއާގޯ ވެސް ޖަނާޒާގައި ބައިވެރިވި އެވެ.

ނަމަވެސް ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާއި ލިވަޕޫލްގެ ސަލާހު މި ޖަނާޒާގައި ބައިވެެރިއެއް ނުވެއެވެ. ރިޕޯޓްތައް ބުނާގޮތުން ސަލާހު ޖަނާޒާގައި ބައިވެރިނުވީ ކްރިސްޓިއަނުންގެ އާދަކާދައިގެ ތެރެއިން ކުރާ ކަމަކަށްވެފައި އަދި ފައްޅިއެއްގެ ތެރޭގައި ކުރާ ކަމަކަށްވާތީއެވެ. ނަމަވެސް ރޮނާލްޑޯ ޖަނާޒާގައި ބައިވެރިނުވުމުން އޭނާއަށް އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ވުލްވްސްއިން ޖޮޓާ، 2020 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވީ، 50 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. ޖޮޓާ ވަނީ ޕޯޗުގަލްގެ ގައުމީ ޓީމަށް 49 މެޗުން 14 ގޯލު ޖަހައިދީފަ އެވެ. އަދި އޭނާ ވަނީ 2020 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވެ އެ ކުލަބުގެ ގިނަ ކާމިޔާބީތަކުގައި ހިއްސާވެފަ އެވެ. އަދި 123 މެޗުން ވަނީ 47 ގޯލު ޖަހައިދީފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *