ބޭނުންނަމަ ރައީސުލްޖުމްޙޫރިއްޔާގެ ދައުރު 50 އަހަރަށް ވެސް ހެދިދާނެ: މެމްބަރު ރިފާއު

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ޕީއެންސީ މެންބަރުން ބޭނުންވާނަމަ ރައީސުލްޖުމްޙޫރިއްޔާގެ ދައުރު 50 އަހަރަށް ވެސް ބަދަލުކުރެވިދާނެ ކަމަށް މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު މިއަދު ވިދާޅުވެއްޖެ އެވެ.

އާންމު ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމުގެ ބިލަށް ބަހުސްކުރައްވަމުން ޕީއެންސީއަށް ނިސްބަތްވާ މެންބަރު ރިފާއު ވިދާޅުވީ މިއަދު ޕީއެންސީ މެންބަރުން ބޭނުންވެއްޖެނަމަ ރައީސުލްޖުމްހޫރިއްޔާގެ ޓާމް ވެސް ބަދަލުކުރެވިދާނެ ކަމަށެވެ. އަދި މިވަގުތު ގާނޫނުއަސާސީ އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ޓާމަކީ 15 ނުވަތަ 50 އަހަރަށް ވެސް ހެދިދާނެ ކަމަށް ށެވެ.

"މިއަދު މިތާ މި ތިއްބަވާ މެންބަރުން ބޭނުންކަމަށް ވާނަމަ 50 އަހަރަށް ވެސް ދައުރު ބަދަލުކޮށްލެވިދާނެ. ގާނޫނުއަސާސީން އެ ޖާގަ އެބަދޭ. އެހެންނަމަވެސް އަޅުގަނޑުމެން އެ ޖާގަތައް މި ދޫކޮށްލަނީ ރައްޔިތުންގެ ހިޔާލަށް. މި ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ހުރި ހުރިހާ މާއްދާތައް ރައްޔިތުންގެ ޚިޔާލާއެކީ ނޫން ގޮތަކަށް ގާނޫނުއަސާސީ ބަދަލުނުކުރެވޭ ގޮތަށް އަޅުގަނޑުމެން މި ގާނޫނު މި ހަދަނީ." ރިފާއު ވިދާޅުވިއެވެ.

އާންމު ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމުގެ ބިލަށް ބަހުސް ކުރުމަށްފަހު މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި އެ ބިލު ބަލައިގަންނަން ފާސްކުރީ ވޯޓުގައި ބައިވެރިވި 62 މެންބަރުންގެ އިއްތިފާގުންނެވެ. އެ ބިލު އިތުރަށް ދިރާސާކުރުމަށް ފޮނުވީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށެވެ.

އެ ބިލުގެ އިބުތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން އެމްޑީޕީއަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ މެމްބަރު ފިއްޓޭ ވިދާޅުވީ މި ބިލުގެ އަސްލު މަގުސަދަކީ ރައްޔިތުންނަށް ހިދުމަތް ނުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެވަނަ ދައުރެއް ހޯއްދެވުން ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ބިލު އެއްކޮށް ކިޔާލީމައި މި ފެންނަނީ ދަންބެރަށް ވުރެ ތަގުޑިއަށް ތަންކޮޅެއް ދިގުކޮށް އޮތް ވާހަކަ. މީގެ ބޭނުމަކީ ދެވަނަ ދައުރެއް ހޯދުން. ދެވަނަ ދައުރެއް ހޯދަން މި ނޫން ވެސް ގޮތްގޮތް އެބަހުރި. އެއްގޮތަކީ ރައްޔިތުންނަށް ހިދުމަތް ކުރުން. ހިދުމަތް ނުކުރެވެންޏާ ދެން އޮތް މަގު މިއީ،" ފިއްޓޭ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *