ބޮޑު ކަންނެލި ކިރުވުމުގައި ދިމާވެފައިވާ ދަތިތައް ހައްލުނުވާތީ ކަންނެލި ޔޫނިއަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިކާ ކަންބޮޑުވުން ފާޅުކޮށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނީ، ކަނޑުމަހުގެ މަސްވެރިންނަށް ބަރާބަރަށް މަސް ކިރި 48 ގަޑިއިރު ތެރޭ ފައިސާ ލިބޭ އިރު ކަންނެލި މަސްވެރިންނާއި އެހެނިހެން ބާވަތުގެ މަސްވެރިން ތިބީ މަސްކޮޅު ނުކިރި، ފައިސާ ނުލިބި، ގޮތް ހުސްވެފައި ކަމަށެވެ.
ކަނޑުމަހުގެ މަސްވެރިންނަށް ބަރާބަރަށް މަސް ކިރި 48 ގަޑިއިރު ތެރޭ ފައިސާ ލިބޭ އިރު ކަންނެލި މަސްވެރިންނާއި އެހެނިހެން ބާވަތުގެ މަސްވެރިން ތިބީ މަސްކޮޅު ނުކިރި، ފައިސާ ނުލިބި، ގޮތް ހުސްވެފައި . މިއީ އިންސާފުތޯ؟@MMuizzu @Shiyamaldives pic.twitter.com/0MQHJEaNl4
— Bodu Kanneli Masveringe union- BKMU (@FishermensUnion) July 9, 2025
ހުޅުމާލޭ ކަންނެލި ޖެޓީގައި ގިނައަދަދެއްގެ ކަންނެލި ދޯނިފަހަރުން ކަންނެލި ކިރަން މިހާރުވެސް ކިޔުގައި އެބަތިއްބެވެ. މީގެތެރެއިން ބައެއް ދޯނިފަހަރު ކިޔުގައި އޮންނަތާ ހަފްތާއަކަށްވުގެ ގިނަ ވެދާނެކަމަށް ކަންނެލި މަސްވެރިން ބުނެއެވެ. ކަންނެލި ނުކިރި ގިނަވަގުތު ކިޔުގައި ތިބެންޖެހުމުން ކަންނެލީގެ ކޮލިޓީ ގެއްލި ކަންނެލި ރިޖެޓްވާ ނިސްބަތްވަނީ އިތުރުވެފައެވެ. ރިޖެކްޓް ކަންނެލީގެ އަގު ދަށްވެ މިހާރު އުޅެނީ 20 ރުފިޔާއާއި 15 ރުފިޔާއާ ދެމެދުގައެވެ.
ކަންނެލި ކިރުމުގައި ދިމާވާ ދަތިތަކުގެ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް މިދިޔަ ހަފްތާގައި ވަނީ ކުއްލި މައްސަލައެއްވެސް ހުށައަޅާފައެވެ. މި ކުއްލި މައްސަލައަށް ބަހުސްކުރި އެމްޑީޕީގެ މެމްބަރުން ވިދާޅުވީ، މި މައްސަލަ ހައްލުކުރުމަށް ރައީސްގެ ވައުދާ އެއްގޮތަށް މިފްކޯއަށް ކަންނެލި ގަތުމަށެވެ.
ބޮޑުކަންނެލީގެ އަގު 80ރ އަށްވުރެ ދަށް ނުކުރުމާއި މިފްކޯއަށް ކަންނެލި ގަތުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.