އެޕަލްގެ އާ ސީއީއޯ އަކަށް އިންޑިއާއަށް ނިސްބަތްވާ ސަބީހް ޚާން

އެޕަލް އިންކްގެ އާ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމަށް އިންޑިއާއަށް ނިސްބަތްވާ ސަބީހް ޚާން ހަމަޖައްސައިފި އެވެ.

އެޕަލްގައި 30 އަހަރު މަސައްކަތް ކުރައްވާފައިވާ އަދި މިހާރު އޮޕަރޭޝަންސްގެ ސީނިއާ ވައިސް ޕްރެޒިޑެންޓްގެ މަގާމުގައި ހުންނެވި އުމުރުން 58 ގެ ޚާން، މިހާރުގެ ސީއީއޯ ޖެފް ވިލިއަމްސްގެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ މި މަހު ފަހުކޮޅު ކަމަށް އައިފޯން އުފައްދާ ކުންފުނި އެޕަލް އިންކް އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.

1995 ވަނަ އަހަރު އެޕަލްގެ ޕްރޮކިއުމަންޓް ގްރޫޕާ ގުޅުމުގެ ކުރިން ޚާން ވަޒީފާ އަދާކުރީ އެޕްލިކޭޝަން ޑިވެލޮޕްމަންޓް އިންޖިނިއަރެއްގެ އިތުރުން ޖީއީ ޕްލާސްޓިކްގެ ކީ އެކައުންޓް ޓެކްނިކަލް ލީޑަރެއްގެ ގޮތުގަ އެވެ. 1966 ވަނަ އަހަރު އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ މުރާދާބާދުގައި އުފަންވި ޚާން ސްކޫލް ދައުރުގައި ސިންގަޕޫރަށް ބަދަލުވެ، ފަހުން އެމެރިކާއަށް ދިރިއުޅުން ބަދަލުކުރިއެވެ.

ޚާން އެމެރިކާއަށް ބަދަލުވެ ޓަފްޓްސް ޔުނިވާސިޓީން އިކޮނޮމިކްސް އާއި އަދި މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާއިން ޑިގްރީ ހާސިލްކުރައްވާފައިވާ އިރު، ރެންސެލާއާ ޕޮލިޓެކްނިކް އިންސްޓިޓިއުޓް (އާރްޕީއައި) އިން މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާއިން މާސްޓާސް ޑިގްރީ ވެސް ހާސިލް ކުރެއްވި އެވެ.

އެއަށްފަހު ޚާން ވަނީ އެޕަލް ކުންފުނީގެ މުހިންމު މަގާމުތަކުގައި ގާތްގަނޑަކަށް 30 އަކަށް އަހަރު ހޭދަކޮށްފައިވާއިރު 2019 ވަނަ އަހަރު ސީނިއާ ވައިސް ޕްރެޒިޑެންޓް އޮފް އޮޕަރޭޝަންސްގެ މަގާމަށް އޭނާ ވަނީ އައްޔަނުކޮށްފައެވެ. އެއަށްފަހު ފާއިތުވި 6 އަހަރުގެ ތެރޭގައި އޭނާ ވަނީ އެޕަލްގެ ދުނިޔޭގެ ސަޕްލައި ޗެއިން މެނޭޖްކޮށް، ޕްލޭނިން، ޕާޗޭސިން، މެނުފެކްޗަރިން، ލޮޖިސްޓިކްސް އަދި ޕްރޮޑަކްޓް ޑެލިވަރީ ސުޕަވައިޒްކޮށްފަ އެވެ.

އޭނާ ވަނީ އެޕަލްގެ ސަޕްލަޔަރ ރެސްޕޮންސިބިލިޓީ ޕްރޮގްރާމްތައް މެނޭޖްކޮށް، މަސައްކަތްތެރިން ހިމާޔަތްކުރުމާއި، ތައުލީމު ފޯރުކޮށްދިނުމާއި، ތިމާވެށީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރައްވައި އެޕަލްގެ އިނޮވޭޓިވް ކޮންމެ އުފެއްދުމެއް ބާޒާރަށް ގެނައުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

އެޕަލް އިން ނެރެފައިވާ ބަޔާނުގައި ބުނާގޮތުން ޚާން ރަސްމީކޮށް ސީއޯއޯގެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ މި މަހުގެ ފަހުކޮޅު އެވެ. ކުކް ވަނީ ޚާން އަކީ "ބްރިލިއަންޓް ސްޓްރެޓެޖިސްޓެއް" ގެ ގޮތުގައި ބަލައިގަނެ، ކުންފުނީގެ ކާމިޔާބީގައި ޚާންގެ ބޮޑު ހިއްސާ ފާހަގަކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *