ފެނަކަ ސައީދުގެ މައްޗަށް އިތުރު ދައުވާއެއް އުފުލައިފި

ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ގެ މައަޗަށް ހިޔާނާތުގެ އިތުރު ދައުވާއެއް އުފުލައިފިއެވެ.

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސައީދުގެ މައްޗަށް އުފުލާފައި މިވަނީ ލ.މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް، ފެނަކައަށް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނާ މައްސަލައިގަ އެވެ.

ފެނަކަ އާއި ފިޝަރީސް މިނިސްޓްރީއާދެމެދު ލ. މާމެންދޫގައި އައިސްޕްލަންޓެއް ގާއިމްކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން އެރަށުގައި އައިސްޕްލާންޓެއް އެޅުމުގެ ބަދަލުގައި ލ. މާމެންދޫގައި އަމިއްލަ ފަރާތަކުން އަޅާފައިވާ އައިސްޕްލާންޓެއް 11,251,946.00 ރުފިޔާ އަށް ގަތުމަށްޓަކައި، އެކުންފުނީގެ ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ ބަހެއް ނުހޯދައި އަދި އެކުންފުނީގެ ބިޒްނަސް ޕްލޭނުގައިވެސް މި އައިސްޕްލާންޓަކީ ފައިނޭންޝިއަލީ ވަޔަބަލް ޕްރޮޖެކްޓެއް ނޫންކަން ބަޔާންކޮށްފައިވަނިކޮށް، ފެނަކައިގެ ބޯޑު އޮފް ޑިރެކްޓަރުންގެ 18 ވަނަ އާންމު ބައްދަލުވުމުގައި ސައީދު ބައިވެރިވެ މަޝްވަރާކޮށް، އެ އައިސްޕްލާންޓް ގަތުމަށް ނިންމާފައިވާ ކަމަށް ޕްރޮސިކިއުޓާޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކައިޒާން އިންވެސްޓްމަންޓް ކިޔާ އަމިއްލަ ކުންފުންޏަކާ ދެމެދު 07 ސެޕްޓެންބަރު 2023 ގައި ލ.މާމެންދޫ އައިސްޕްލާންޓް ގަތުމުގެ އެއްބަސްވުމުގައި 11,251,946.00 ރުފިޔާގެ އަގަކަށް ސޮއިކޮށް އެފައިސާ އެ ކުންފުންޏަށް އެ ފައިސާ ދައްކަން ޖެހޭ ގޮތަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން ސޮއިކޮށްފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުނެ އެވެ.

މި ދައުވާގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *