ލަންޑަނުގައި ބޭއްވި "މޯލްޑިވްސް-ޔޫކޭ ބިޒްނަސް ފޯރަމް" ގައި ރައީސް ޑރ މުއިއްޒު ބައިވެރިވެވަޑައިގެންފި

އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނުގައި ބޭއްވި މޯލްޑިވްސް-ޔޫކޭ ބިޒްނަސް ފޯރަމްގައި ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފި އެވެ.

ރައީސް ޑރ މުއިއްޒު އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމަކީ ދިވެހިރާއްޖޭގެ، އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމްކުރައްވައިގެން، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްގެންދަވާ ސިލްސިލާ ފޯރަމްގެ 8 ވަނަ ބައްދަލުވުމެވެ.

އިނގިރޭސިވިލާތުގެ ކޯޕަރޭޓް ސެކްޓަރގެ މަންދޫބުން ބައިވެރިވެވަޑައިގެންފައިވާ މި ފޯރަމުން، ދެ ޤައުމުގެ ދެމެދު އޮންނަ އިޤްތިޞާދީ ގުޅުންތައް ހަރުދަނާކުރުމަށް ދޭ އަހުމިއްޔަތުކަން ފެނިގެންދިޔަ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވެއެވެ.

މި ފޯރަމްގައި ރައީސް ޑރ މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، އިނގިރޭސިވިލާތުގެ ވިޔަފާރިތަކުން ދިވެހިރާއްޖޭގައި އިންވެސްޓް ކުރެވިދާނެ މައިގަނޑު 5 ދާއިރާއެއްގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން އެމަނުކުފާނު ފާހަގަކުރެވި 5 ދާއިރާގެ ތެރޭގައި އުފެއްދުންތެރިކަމާއި ޘަޤާފަތާއި ފިކުރީ މުދަލުގެ މައްޗަށް އެކުލެވޭ ކްރިއޭޓިވް އިކޮނޮމީގެ ދާއިރާއާއި، ޑިޖިޓަލް ޓްރާންސްފޯރމޭޝަންގެ ދާއިރާ އާއި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ އާއި، މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކުގެ ދާއިރާ އަދި ފަތުރުވެރިކަމުގެ ދާއިރާ ހިމެނެއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމުގެ ދާއިރާ ހަރުދަނާކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި، ފޮރިން އިންވެސްޓްމަންޓްގެ އާ ޤާނޫނެއް ތަންފީޒުކުރެއްވުމާއި، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުތަކުގެ ހަރަކާތްތައް އަލުން ހިންގަވަން ފެއްޓެވުން ހިމެނޭކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *