ބީއެމްއެލްއިން އެސްޑީއެފްސީ ގަތުމުގެ މުއާމަލާތް ހިންގަމުންދަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް: އެމްއެމްއޭ

މަރުކަޒީ ބޭންކު، އެމްއެމްއޭ އިން އެހެން ބުނީ، އެސްޑީއެފްސީގެ ސަރުކާރުގެ ހިއްސާ ގަތުމުގެ މުއާމަލާތް ބީއެމްއެލް އިން ކުރިއަށް ގެންދަނީ ރާއްޖޭގެ ބޭންކިން ގާނޫނާ ހިލާފަށް ކަމަށް ބުނެ ދައްކާ ވާހަކަތަކާ ގުޅިގެންނެވެ. އެމްއެމްއޭ އިން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. މިކަން ދޮގުކޮށް އެމްއެމްއޭއިން ވަނީ ބަޔާނެއް ނެރެފައެވެ.

"ބޭންކް އޮފް މޯލްޑިވްސް އިން އެސްޑީއެފްސީ ގަތުމަށް ހުށަހަޅާ މުއާމަލާތާ ގުޅޭ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަށް ލިބިފައިވާ މައުލޫމާތަށް ބިނާކޮށް މި އޮތޯރިޓީގެ އާއްމު އުސޫލުތަކާ އެއްގޮތަށް މި މުއާމަލާތް ހިންގުމުގައި އަމަލު ކުރަންޖެހޭ އިޖުރާއަތްތަކަށް އެ ބޭންކުން އަމަލުކުރިތޯ ވަނީ ބަލައިފަ އެވެ. އަދި ބީއެމްއެލް އިން މި އޮތޯރީޓި އަށް ހިއްސާ ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ވިޔަފާރީގެ މުއާމަލާތުގެ ހުރިހާ ކަމެއް ވެސް ކުރިޔަށް ގެންދާނީ ކަމާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތައް އަދި އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ބީއެމްއެލް އިން ވަނީ މި އޮތޯރިޓީ އަށް ޔަގީންކަން ދީފަ އެވެ." އެމްއެމްއޭގެ ބަޔާނުގައި ވެއެވެ.

ބީއެމްއެލް އިން ވެސް މިއަދު ބުނީ، އެސްޑީއެފްސީގެ ސަރުކާރުގެ ހިއްސާ ގަތުމުގެ މުއާމަލާތްތައް ކުރިއަށް ގެންދާނީ ބޭންކިން ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުމުގެ މަތީން އިޖުރާއައަތްތައް ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ.

"ބޭންކް އޮފް މޯލްޑިވްސް އިން އެސްޑީއެފްސީ ގަތުމުގެ މުޢާމަލާތްތައް ކުރިއަށް ގެންދާނީ ބޭންކިންގ ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުމުގެ މަތީން އިޖުރާޢަތްތައް ފުރިހަމަކުރުމަށްފަހުގައެވެ. ބޭންކުން މިހާރު މިވަނީ މި މަރުހަލާތައް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ފަށާފައެވެ." ބީއެމްއެލްއިން ބުންޏެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގައި އޮންނަ ސަރުކާރުގެ ހިއްސާ ގަތުމުގެ ޝައުގުވެރިކަން ފާޅުކޮށް، ބޭންކް އޮފް މޯލްޑިވްސްއިން ސަރުކާރުގައި އެދިފައިވާނެކަމަށްވެސް ބޭންކުން ބުނެއެވެ. މި ހުށަހެޅުމަށް ރިއާޔަތްކޮށް އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ ވިއްކައިލެއްވުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *