ނޯތު ހާބަރއިން މިހާރު ނަގަމުންދާ ފީތަކުގެ އިތުރުން އެއްވެސް ފީއެއް ނެގުމަށް ނިންމާފައެއް ނުވާކަމަށް އެމްޕީއެލްއިން ބުނެފިއެވެ.
އެމްޕީއެލްއިން ބުނީ ނޯތު ޕޯޓްގެ ސަރަހައްދަށް އިތުރު ކުރެވުނު ސަރަހައްދު ތަރުތީބުކޮށް، އިންތިޒާމް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށާއި، މި ސަރަހައްދު ތަރުތީބުކުރެވުމުން، މަސް ދޯނި ފަހަރަށް އިތުރު ޖާގަ ލިބި، އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އަތޮޅުތަކަށް މުދާ އުފުލާ އުޅަނދުތަކަށް މުދާ ބޭލުމާއި އެރުވުމުގެ މަސައްކަތްތައްވެސް މިހާރަށްވުރެ އަވަހަށް ކުރެވޭނެ މަގު ފަހިވެގެންދާނެކަމަށް އެމްޕީއެލްއިން ބުނެއެވެ.
"މި ގެނެވޭ ބަދަލުތަކާއެކު މި ސަރަހައްދުގައި ގަވައިދާ ޚިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީންގެ މައްސަލައަށް ހައްލެއް ލިބި، މި ސަރަހައްދު ބެލެހެއްޓުމުގެ އިންތިޒާމްތައް އިތުރަށް ހަރުދަނާކުރެވޭނެ. އަދި މި ބަދަލުގެ ސަބަބުން، މަސްވެރިންނާއި އޮޑިވެރިންނަށް މިހާރަށްވުރެ އަވަސް، ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދެވޭނެކަމުގެ ޔަޤީންކަން އަރުވަން" އެމްޕީއެލް ސީ.އީ.އޯ ޑީ.ސީ.ޕީ ރިޓަޔާޑް މުޙައްމަދު ރިޝްވާން ވިދާޅުވިއެވެ.
އެމްޕީއެލްގެ ދަށަށް މާލޭގެ އުތުރު ބަނދަރު ބަދަލުކޮށްފައިވާތީ އެ ކުންފުނިން މިދިޔަ މަހު ވަނީ އުޅަނދުތައް ރަޖިސްޓަރީ ކުރަން ފުރުސަތު ހުޅުވާލައިފަ އެވެ. އަދި އިއްޔެ އިން ފެށިގެން އެ ސަރަހައްދުން ހިދުމަތް ލިބޭނީ ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުތަކަށް އެކުންފުނިން ވަނީ ބުނެފައެވެ. އަދި އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން، ހިދުމަތްތައް ދޭނީ ކަނޑައަޅާފައިވާ ޓެރިފްތަކާއި އުސޫލުތަކާ އެއްގޮތަށް ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.




