ވިޔަފާރީގެ ދާއިރާއަށް ނިކުންނަށް ޝައުގުވެރިވާ އަންހެނުންނަށް ހާއްސަ ލޯނު ސްކީމެއް ތަޢާރަފްކުރަން ނިންމާފައިވާކަމަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން، (އެސްޑީއެފްސީ) ން ވިދާޅުވެއްޖެއެވެ.
އެސްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ޙަސަން ވިދާޅުވީ، އަލަށް ތަޢާރަފްކުރާ ފައިނޭންސިން ސްކީމަކީ، އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ހިތްވަރުދީ ވިޔަފާރީގައި ހަރާކާތްތެރިވާ އަންހެން ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު، އަންހެނުން ބާރުވެރި ކުރުވައި، އަންހެނުން ހިންގާ ވިޔަފާރިތައް ކުރިއެރުވުމަށް ތަޢާރަފްކުރާ ލޯނު ސްކީމެއް ކަމަށެވެ.
އެގޮތުން މި ސްކީމްގެ ސަބަބުން އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނުކުމެ، އަމިއްލަ މަސައްކަތް ފެށުމަށާއި، ވިޔަފާރީގެ މައިދާނުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.
އަންނަ ނޮވެމްބަރުމަހު ތަޢާރަފުކުރުމަށް ނިންމައިފައިވާ މި ސްކީމުގެ ދަށުން އެކި ދާއިރާތަކުން ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ލޯނު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަލަށް ތަޢާރަފްކުރާ މި ލޯނު ސްކީމަށް އެޕްލިކޭޝަން ހުޅުވާލުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު ފުރަތަމަ ހަފްތާ ތެރޭގައެވެ. އަދި އެޕްލިކޭޝަން ބަލައިގަންނާނީ އެ ކުންފުނީގެ ވެބްސައިޓް www.sdfc.mv ގައިވާ 'އެސްއެމްއީ ޕޯޓަލް' މެދުވެރިކޮށެވެ.