Advertisement
BML Home 2nd Ad
Delicate woman’s hand pulls a tissue from a green tissue box.
Delicate woman’s hand pulls a tissue from a green tissue box.

ތުއްތު ކުއްޖެއް ކިނބިއްސެއް އަޅައިފިނަމަ އެކުއްޖާގެ ބަދަލުގައި الحمد لله ކިޔަން ޖެހޭނެތަ؟

ސުވާލު: އަޅުގަނޑުގެ ކުޑަ ދަރިފުޅު ކިނބިހިއަޅާ ކޮންމެ ފަހަރަކު އަޅުގަނޑު الحمد لله ކިޔަމެވެ. މީ ބިދުޢައެއްތޯ؟

Advertisement
Etukuri Inside ad 300x300 Desktop

ޖަވާބު: ޙަމްދުހުރީ ﷲ އަށެވެ.
މީހަކު ކިނބިއްސެއް އަޅައި، الحمد لله ކިޔައިފިނަމަ އެމީހާއާ ދިމާއަށް يرحمك الله ކިޔުމަކީ އިސްލާމީ އަދަބުތަކުގެ ތެރެއިންވާ ކަމެކެވެ. ހަމައެހެންމެ އެއީ އެއް މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށްވާ ޙައްޤެކެވެ. ނަމަވެސް ކިނބިހި އެޅި މީހާ الحمد لله ނުކިޔާނަމަ، ދެން ހުރި މީހާ يرحمك الله ކިޔުމެއް ނެތެވެ.
އަނަސްބިން މާލިކް ގެ ކިބައިން ބުޚާރީ އާއި މުސްލިމް ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ.
عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللَّهُ عَنْهُ قَالَ : عَطَسَ رَجُلَانِ عِنْدَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَشَمَّتَ أَحَدَهُمَا وَلَمْ يُشَمِّتْ الْآخَرَ فَقِيلَ لَهُ فَقَالَ : ( هَذَا حَمِدَ اللَّهَ ، وَهَذَا لَمْ يَحْمَدْ اللَّهَ ) . – البخاري (6221) ومسلم (2991)
މާނައީ: އަނަސް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “ދެ މީހަކު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙާޟިރުގައި ކިނބިހި އެޅުމުން، އެތަނުން އެކަކާ މުޚާތަބުކޮށް ކީރިތި ރަސޫލާ يرحمك الله ވިދާޅުވެ، އަނެކަކާ މުޚާތަބުކޮށް ވިދާޅެއްނުވެއެވެ. އެކަމާ ބެހޭގޮތުން އެކަލޭގެފާނުގެ އަރިހުގައި ސުވާލު ދެންނެވުނު ހިނދު އެކަލޭގެފާނު ވިދާލުވިއެވެ. “މި މީހާ ﷲއަށް ޙަމްދުކޮށްފިއެވެ. (އެބަހީ الحمد لله ކިޔައިފިއެވެ). ނަމަވެސް ދެންހުރި މީހާ ﷲއަށް ޙަމްދު ނުކުރެއެވެ. ބުޚާރީ (6221)، މުސްލިމް (2991).

وعَنْ أَبِي بُرْدَةَ قَالَ : ” دَخَلْتُ عَلَى أَبِي مُوسَى وَهُوَ فِي بَيْتِ بِنْتِ الْفَضْلِ بْنِ عَبَّاسٍ فَعَطَسْتُ فَلَمْ يُشَمِّتْنِي ، وَعَطَسَتْ فَشَمَّتَهَا ، فَرَجَعْتُ إِلَى أُمِّي فَأَخْبَرْتُهَا ، فَلَمَّا جَاءَهَا قَالَتْ : عَطَسَ عِنْدَكَ ابْنِي فَلَمْ تُشَمِّتْهُ ، وَعَطَسَتْ فَشَمَّتَّهَا ؟
فَقَالَ : إِنَّ ابْنَكِ عَطَسَ فَلَمْ يَحْمَدْ اللَّهَ فَلَمْ أُشَمِّتْهُ ، وَعَطَسَتْ فَحَمِدَتْ اللَّهَ فَشَمَّتُّهَا ؛ سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : ( إِذَا عَطَسَ أَحَدُكُمْ فَحَمِدَ اللَّهَ فَشَمِّتُوهُ فَإِنْ لَمْ يَحْمَدْ اللَّهَ فَلَا تُشَمِّتُوهُ ) رواه مسلم (2992) .
އަބޫ ބުރުދާގެ ކިބައިން ރިވާވެގެންވެއެވެ. އަބޫ މޫސާ، ފަޟްލު ބިން އައްބާސްގެ ދަރިކަނބަލުންގެ ގޭގައި ވަނިކޮށް އަޅުގަނޑު އަބޫ މޫސާގެ ގާތަށް ދިޔައީމެވެ. އަޅުގަނޑު އެތަނުގައި ހުރެ ކިނބިހި އެޅި ހިނދު އަބޫ މޫސާ يرحمك الله ނުކީނަމަވެސް އެ އަންހެން ކުއްޖާ ކިނބިހި އެޅި ހިނދު އޭނާއާ މުޚާތަބުކޮށް يرحمك الله ކިޔެވެ. އަޅުގަނޑު ގެއަށްގޮސް އަޅުގަނޑު މަންމަ ގާތުގައި އެވާހަކަ ބުނީމެވެ. އަބޫ މޫސާ އަޅުގަނޑުގެ މަންމަ ގާތަށް އައި ހިނދު މަންމަ އޭނާއާ ދިމާއަށް ބުންޏެވެ. “އަހަރެންގެ ދަރިފުޅު ތިބާގެ ކުރިމަތީގައި ކިނބިހި އެޅުމުން ތިބާ يرحمك الله ނުބުނެއެވެ. ނަމަވެސް އެ އަންހެންކުއްޖާ ކިނބިހި އެޅުމުން ތިބާ يرحمك الله ބުނީމުއެވެ”. އެހިނދު އަބޫ މޫސާ ދެންނެވިއެވެ. ” ތިބާގެ ފިރިހެން ދަރިފުޅު ކިނބިހި އެޅިނަމަވެސް ﷲ އަށް ޙަމްދު ނުކުރެއެވެ. އެހެންކަމުން ތިމަން يرحمك الله ނުކިޔަމެވެ. އެއަންހެންކުއްޖާ ކިނބިހި އެޅުމަށްފަހު ﷲއަށް ޙަމްދު ކުރިއެވެ. އެހެންކަމުން ތިމަން يرحمك الله ކީއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރައްވަނިކޮށް ތިމަން އަޑުއެހީމެވެ. “ތިޔަބައިމީހުންގެތެރެއިން މީހަކު ކިނބިހި އެޅުމަށްފަހު ﷲއަށް ޙަމްދުކޮށްފިނަމަ، އޭނާ އަށް يرحمك الله ބުނާށެވެ. ނަމަވެސް އޭނާ ﷲއަށް ޙަމްދު ނުކުރިނަމަ އޭނާއަށް އެހެން ނުބުނާށެވެ.” (މުސްލިމް 2992).
އިމާމު ނަވަނީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ” މިއިން ދޭހަކޮށްދެނީ މީހަކު ކިނބިހި އެޅުމަށްފަހު ﷲއަށް ޙަމްދުކޮށްފިނަމަ، އޭނާއަށް يرحمك الله ބުނުން ބާރުއަޅުއްވާފައިވާކަމެވެ. އަދި އޭނާ ﷲ އަށް ޙަމްދުނުކޮށްފިނަމަ يرحمك الله ބުނުން މަކުރޫހަކަމެވެ. ނަމަވެސް ކިނބިހި އެޅި މީހާ الحمد لله ކިޔައި، އަނެއް މީހާއަށް އެ އަޑު ނީވެއްޖެނަމަ، އޭނާ يرحمك الله ބުނާކަށް ނުޖެހޭނެއެވެ.
މާލިކް ވިދާޅުވިއެވެ. އޭނާ ﷲއަށް ޙަމްދުކުރި އަޑު ނީވެއްޖެނަމަ އޭނާ يرحمك الله ކިޔާކަށް ނުޖެހޭނެއެވެ. ނަމަވެސް އޭނާ ގާތުގައި ހުރި އެހެން މީހެއް يرحمك الله ކިޔާތަން ފެނިޖެނަމަ ތިބާވެސް ކިޔަންޖެހޭނެއެވެ. “ شرح النووي على مسلم ” (18/121) .
ކުޑަކުއްޖާއަކީ ތަންދޮރު އެނގޭވަރުގެ، އަދަބުތައް ދަސްކޮށްދިނުމުން އެބުނާ އެއްޗެއް އެނގި އެއާ އެއްގޮތަށް ޢަމަލުކުރަން އެނގޭ އުމުރުގެ ކުއްޖެއްކަމުގައި ވާނަމަ، ކިނބިހި އެޅުމުން الحمد لله ކިޔަން ދަސްކޮށްދޭން ޖެހޭނެއެވެ. އެހެނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުޑަކުއްޖަކަށް ކެއުމުގެ އަދަބުތައް ދަސްކޮށްދެއްވިކަމަށް ޞައްޙަ ޙަދީޘްތަކުން ވާރިދުވެފައި އެބަހުއްޓެވެ.
ކުޑަކުދިންނާއި އަލަށް އިސްލާމްވާ މީހުންނަށް الحمد لله ކިޔަން ދަސްކޮށްދޭން ވާނެއެވެ. ހަމައެހެންމެ، ބާދިޔާތެރޭގައި އުޅެ ބޮޑުވެފައިވާ މީހުންނަށްވެސް މިއާދަތަށް ދަސްކޮށްދޭންވާނެއެވެ. އެހެނީ އެފަދަ ގޮތަކަށް ބޮޑުވެފައިވާ މީހުންނަށް މިފަދަ އާދަތައް ނޭނގުމަކީ އެކަށީގެންވާ ކަމެކެވެ.
ކުޑަކުއްޖަކު ކިނބިހި އެޅުމަށްފަހު ﷲ އަށް ޙަމްދުކޮށްފިނަމަ އެނާއަށް يرحمك الله ، ނުވަތަ ތިބާއަށް ﷲ ބަރަކާތް ލައްވާށިއެވެ، މިފަދަ އިބާރާތެއް ބުނެވިދާނެކަމަށް ޝައިޚް ޢަބްދުލް ޤާދިރް ބަޔާން ކުރައްވާފައިވެއެވެ. “مطالب أولي النهى” (1/945) وينظر ” كشاف القناع” (2/158) .
ﷲއަށް ޙަމްދުކުރާ މުސްލިމް އަޚާގެ މައްޗަށް ވާ ޙައްޤަކީ ކުޑައެއް ބޮޑެއް ތަފާތުކުރުމެއް ނެތި އަދާކޮށްދޭންޖެހޭ ޙައްޤެއްކަމުން، ކުޑަކުއްޖަކު ވިޔަސް އެކުއްޖާ ޙަމްދުކޮށްފިނަމަ يرحمك الله ކިޔަންޖެހޭނެއެވެ.
އެއީ ވާހަކަ ނުދެއްކޭވަރުގެ ތުއްތު ކުއްޖެއްނަމަ، ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި އެކުއްޖާ ބެލެނިވެރިޔާ އެކުއްޖާގެ ބަދަލުގައި الحمد لله ކިޔަންޖެހޭނެއެވެ. ނަމަވެސް ބޮޑަށް ބުރަވެވޭ ގޮތަކީ الحمد لله ކިޔަންޖެހޭނީ ކނބިހި އަޅާ ކުއްޖާކަމަށެވެ. އަދި އޭނާގެ ބަދަލުގައި އެހެން މީހަކު އެހެން ކިޔާކަށް ނުޖެހޭނެއެވެ. ނަމަވެސް ތުއްތު ކުއްޖާއަށް ކިނބިހި އެޅުމުން އެކުއްޖާއަށް ޓަކައި ހެޔޮ ދުޢާ ކޮށްދިނުމަކީ މައްސަލައެއް އޮތްކަމެއް ކަމުގައެއް ނުދެކެމެވެ. އެހެނީ ކުއްޖާ الحمد لله ނުކީ ފަރުވާކުޑަވުމުގެ ސަބަބަކުން ނޫނެވެ. އެހެންނަމަވެސް މިގޮތަށް ދުޢާ ކުރުމަކީ ކޮންމެފަހަރަކު ކުރާ، އާދައަކަށް ހަދައިގެން ނުވާނެއެވެ.
އިބްނު މުފްލިހް ރަޙިމަހުﷲ، އައް ޝަރުޢިއްޔާ (243/2) ގައި ވިދާޅުވެފައިވެއެވެ.
ޢަބްދުﷲ ބިން އަޙްމަދު އަލްޙަސަންގެ ކިބައިން ރިވާކުރައްވާފައިވެއެވެ. ކިނބިހި އަޅާ ކުޑަކުއްޖަކާ މެދު އަލް-ޙަސަންގެ އަރިހުން ސުވާލު ދެންނެވުނެވެ. އޭނާ ވިދާޅުވިއެވެ. އެކުއްޖާއަށް ބުނާށެވެ. ތިބާއަށް ރަޙްމަތް ލައްވާށިއެވެ.
“އައްނަޒްމު” ގެ މުއައްލިފު ވިދާޅުވެފައިވެއެވެ. ކުޑަކުއްޖަކު ކިނބިހި އަޅައިފިނަމަ އޭނާ ލައްވައި الحمد لله ކިޔުއްވޭތޯ މަސައްކަތް ކުރަންވާނެއެވެ. ދެން އޭނާއަށް يرحمك الله މިފަދަ ބަހެއް ބުނާނީއެވެ. އަދި އެކުއްޖާއަށްވެސް ޖަވާބުގައި ބުނާނެ އެއްޗެއް ދަސްކޮށްދޭންވާނެއެވެ.
އެއީ ތުއްތު ކުއްޖެއްނަމަ އޭނާގެ ގާތުގައި ހުރި މީހަކު الحمد لله ކިޔުމުން ފުދޭނެއެވެ. ދެން ކުއްޖާއާ ދިމާއަށް މަތީގައި ބަޔާން ކުރެވިފައިވާފަދަ ލަފްޒުތަކެއް ބުނާނީއެވެ. އިބްނު މުފްލިޙް ވިދާޅުވެފައިވެއެވެ. “ކުއްޖާއަށް ޖަވާބުގައި ބުނާނެ އެއްޗެއް ދަސްކޮށްދިނުމަކީ ސަލާމް ބަލައިގަތުމުގެ މައްސަލައާ އެއްގޮތް ކަމެކެވެ. (އެބަހީ: ސަލާމާއި، ޖަވާބުގައި ބުނާ ބަހާއި، ދެބައި އެކުވެގެން ނުވާނެއެވެ).” ނަމަވެސް ގިނަ ޢިލްމުވެރިންގެ ރައުޔައަށް ބަލާއިރު ބުރަވެވޭ ގޮތަކީ ކުއްޖާ الحمد لله ނުކީ ކަމުގައި ވިޔަސް އެކުއްޖާއަށްޓަކައި ދުޢާ ކޮށްދެވޭނޭ ކަމެވެ. އެހެންނަމަވެސް، މިދުޢާއަކީ يرحمك اللهފަދަ ދުޢާއަކަށް ވުމުން الحمد لله ގުޅިފައި ވާން ޖެހޭނެކަމަށްވެސް ބުނެވިދާނެއެވެ. ނަމަވެސް ބޮޑަށް ޞައްޙަކަމަށް ބެލެވެނީ ފުރަތަމަ ގޮތެވެ. ” الآداب الشرعية ” ( 2/327) .
والله أعلم

ނޯޓް: މި ލިޔުމަކީ އިސްލާމްކިޔުއޭގައިވާ މިލިޔުން އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add