ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމަށް މަސްތުވާކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ފަށައިފިއެވެ.
މި އޮޕަރޭޝަން ފަށާފައިވާކަން ހާމަކުރެއްވީ ރައީސުލްޖުމްޙޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވީ މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ދިވެހިރާއްޖެއަކީ މަސްތުވާތަކެތީގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.
މި މަސައްކަތުގެ ދަށުން މަސްތުވާތަކެތީގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާއި ދެކޮޅަށް ޙާއްސަ ކޮށްގެން މިއަދު އޮޕަރޭޝަނެއް ހިންގުމަށް ފުލުހުންނަށް އަންގަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި އޮޕަރޭޝަނުގައި އެއްވަގުތެއްގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަން ބަލާ ފާސްކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ "އޮޕަރޭޝަން އަލިމަގު" ގެ ނަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނެއް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ފަށާފައިވާކަމަށާއި، މިއީ، އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް މުޅި ރާއްޖެ ހިމެނޭގޮތަށް ފަށާފައިވާ އޮޕަރޭޝަނެއް ކަމަށެވެ.
މިއަދު ހެނދުނު 05:30 ގައި ފެށި މި އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވެ، ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތަކެއް ކުރިއަށް ގެންދާނެކަމަށް ވިދަޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ރާއްޖޭގައި ގިނަ ފިޔަވަޅުތަކެއް މިހާތަނަށް އެޅިފައިވާއިރު، ޤާނޫނީ ރައްކާތެރިކަން ލިބޭގޮތަށް، ޤާނޫނީ ފިޔަވަޅުތަކާއެކު، ފަރުވާ ދިނުމާއި އަދި މުޖުތަމަޢަށް އަނބުރާ ގެނައުން ހިމެނޭ ގޮތަށް، ޤައުމީ އޮނިގަނޑެއް އެކުލަވާލެވި، ތަންފީޒުކުރެވެމުންދާކަން މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާފައިވެއެވެ. މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރެއްވުމަށް އިސްކަންދެއްވައިގެން ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން، މަސްތުވާތަކެތީގެ ވަބާގައި ޖެހޭ މީހުން ސަލާމަތްކުރުމަށް އަމާޒުކޮށް ނ. ވެލިދޫ، ކ. ކާށިދޫ، އަދި، ލ. ގަމުގައި ރީހެބިލިޓޭޝަން ސެންޓަރުތައް ވަނީ ގާއިމުކުރައްވާފައެވެ. އަދި ފަރުވާ ފުރިހަމަކުރުމުން އަނބުރާ މުޖުތަމަޢަށް އައިސް، ވަޒީފާގެ މާހައުލަށް ނުކުމެ، މަސްތުވާތަކެއްޗަށް އަނބުރާ ނުދިޔުމަށް ދޭންޖެހޭ ފަރުވާ އާއި އަޅާލުން ދިނުމުގައި ދައުލަތުން ބުރަ މަސައްކަތްތަކެއް ކުރާނޭކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ދެއްވާފައިވެއެވެ.




