ފަލަސްތީން މެޗުގެ ސްވެނިއަރ ޓިކެޓް ރައީސް ބައްލަވައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއާއި ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމާ ދެމެދު ކުޅެވޭ ފުޓްބޯޅަ މެޗުގެ ސްވެނިއާ ޓިކެޓް ބައްލަވައިގެންފިއެވެ.

މި ރަމްޒީ ޓިކެޓު ރައީސުލްޖުމްހޫރިއްޔާއާއި ޙަވާލުކޮށްދެއްވީ މިއަދު ހެނދުނު މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ ރައީސް އަޙުމަދު ތާރިޤެވެ. ދިވެހިރާއްޖެއާއި ފަލަސްޠީނާ ދެމެދު މިރޭ ކުޅެވޭ އެކުވެރިކަމުގެ މި މެޗު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދަނޑަށް ވަޑައިގަންނަވާނެއެވެ. މި ދެ ޓީމު ކުޅޭ އެކުވެރިކަމުގެ ދެވަނަ މެޗު އަންނަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި މެޗުތަކާ ގުޅިގެން ވިއްކާ ސްވެނިއާ ޓިކެޓްތަކަކީ ފަލަސްޠީނުގެ ފުޓްބޯޅައަށް އެހީތެރިވުމަށްޓަކައި އެފް.އޭ.އެމުން ވަކި އަދަދަކަށް ވިއްކާ ޓިކެޓްތަކެކެވެ. ޕްލެޓިނަމް އަދި ގޯލްޑް ކެޓަގަރީ ހިމެނޭ މި ޓިކެޓްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ބައްލަވައިގެންނެވީ ޕްލެޓިނަމް ޓިކެޓެވެ. މި ޓިކެޓްތައް ވިއްކައިގެން ލިބޭ ފައިސާ ހަދިޔާކުރުމަށް ހަމަޖެހިފައި ވަނީ ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްޠީނުގެ ފުޓްބޯޅަ އަލުން ދިރުވައި ތަރައްޤީކުރުމަށް ކުރާ މަސައްކަތުގައި އެހީތެރިވުމުގެ ގޮތުން ފަލަސްޠީނުގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ކަމަށް އެފް.އޭ.އެމުން ހާމަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިސްނެންގެވުމުގެ މަތިން ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމަށް ރާއްޖޭގައި ކޭމްޕް ކުރެވޭނެ މަގު ތަނަވަސް ކޮށްދެއްވާފައިވާއިރު ފަލަސްތީންގެ ޓީމާއި ރާއްޖޭގެ ޒުވާން ޓީމް ދެމެޗް ކުޅޭނެއެވެ. މި ދެމެޗް އޮންނާނީ މިރެއާއި މާދަމާ ރޭ ގަލޮޅު ރަސްމީ ދަނޑުދައެވެ.

މެޗުގެ ޓިކެޓް ވިއްކާ އަގަކީ ސްވެނިއަރ ޕްލެޓިނަމް ޓިކެޓެއް 1000 ރުފިޔާއަށް، އަދި ސްވެނިއަރ ގޯލްޑް ޓިކެޓެއް 500 ރުފިޔާއަށެވެ. ޖުމްލަ 50 ސްވެނިއަރ ޕްލެޓިނަމް ޓިކެޓް ވިއްކަން ހަމަޖެހިފައިވާއިރު މިއީ ވީއައިޕީ ރޮސްޓްރޮމްގެ ޓިކެޓެކެވެ. ޖުމްލަ 200 ސްވެނިއަރ ގޯލްޑް ޓިކެޓް ވިއްކަން ހަމަޖެހިފައިވާއިރު މިއީ ވީއައިޕީ ގޮނޑިބަރި ޓިކެޓެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *