ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 12 ކިލޯގެ މަސްތުވާތަކެއްޗާއެކު 16 މީހަކު ހައްޔަރުކޮށްފިއެވެ.
މިކަން ހާމަކޮށް ފުލުހުން ބުނީ މި އޮޕަރޭޝަނަކީ ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި ދެކުނުގެ ފުލުހުން މި މަހުގެ ދެވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ގއ. އަދި ގދ. އަތޮޅުގައި ޚާއްސަ އޮޕަރޭޝަނެއް ކަމަށެވެ.
މި އޮޕަރޭޝަނުގައި މިހާތަނަށް 16 މީހަކު ހައްޔަރުކޮށްފައިވާއިރު މީގެތެރޭގައި ހިމެނެނީ ގއ. މާމެންދޫއިން ހައްޔަރުކުރި ހަތް ފިރިހެނުންނާއި އަންހެނަކާއި، ގދ. ވާދޫއިން ހައްޔަރުކުރި ފަސް ފިރިހެނުންނާއި، މާލެއިން ހައްޔަރުކުރި ތިން ފިރިހެނުންނެވެ.
ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 27 އަހަރާއި 45 އަހަރާ ދެމެދުގެ ފިރިހެނުންނާއި 24 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި އޮޕަރޭޝަންގައި މިހާތަނަށް 18 ގެއަކާއި، ގެސްޓް ހައުސްއަކާއި، އޮފީހަކާއި، ފަޅު ރަށަކާއި، ދެ ހުސްބިން ބަލައިފާސްކުރުމުގެ އިތުރުން ދެ ކާރާއި ފަސް ސައިކަލު ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި އޮޕަރޭޝަނުގައި މިހާތަނަށް ވަގުތީ ބަރުދަނުގައި 12 ކިލޯ ހުރި މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 11 މީހަކު ކޯޓަށް ހާޒިރުކުރުމުން، ތިން މީހަކަށް 30 ދުވަސް، ހަ މީހަކަށް 15 ދުވަސް، އެކަކަށް 18 ދުވަސް އަދި އެކަކަށް 10 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނަކީ ރައީސްގެ އިރުޝާދުގެ ދަށުން އިއްޔަފެށި ޑްރަގްގެ ބޮޑު އޮޕަރޭޝަން "އޮޕަރޭޝަން އަލިމަގު" އާ ގުޅޭ ގޮތުން އެއްކުރި މައުލޫމާތުގެ އަލީގައި ބަލައި ފާސްކުރި ތަންތަން ކަމަށެވެ. އެ މައުލޫމާތު ކުރިން ހާމަކޮށްފިނަމަ އޮޕަރޭޝަން އަލިމަގަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެތީއާއި ލިބެމުން ދިޔަ މައުލޫމާތަށް ބަލައި ހެކި ގެއްލިދާނެ ކަމުގެ ފުރުސަތު އޮތުމާއެކު މިއޮޕަރޭޝަން ކުރީ ބައިގައި ކުރިއަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.
"އޮޕަރޭޝަން އަލިމަގު"ގައި 96 މީހުން ވަނީ ހައްޔަރުކޮށްފައެވެ.