"ބޯހިޔާވަހިކަން އެންމެންނަށް": ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އިފްތިތާޙުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު، ބޯހިޔާވަހިކަން އެންމެންނަށް އިފްތިތާޙުކުރައްވައިފިއެވެ.

މި ސިޔާސަތު އިފްތިތާޙުކޮށްދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބްއެވެ. މި ސިޔާސަތު އެކުލަވާލާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެ ވަޑައިގެންފައިވާ ގޮތަށް ކޮންމެ ދިވެހި ރައްޔިތަކީވެސް ބޯހިޔާވަހިކަމުގެ ޙައްޤު ކަށަވަރުވެފައިވާ ރައްޔިތަކަށް ހެދުމަށް މަގުފަހިވާނެގޮތަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އިފްތިތާޙުކޮށް، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދާނެ ޢުސޫލުތައް ވަނީ އާއްމުކޮށްފައެވެ. އަދި ފްލެޓް ދޫކުރުމުގެ އުސޫލާއި އަދި ގޯތި ދޫކުރުމުގެ ސްކީމާއި އޭގެ އުސޫލުވެސް ވަނީ ޢާއްމުކޮށްފައެވެ. މައިގަނޑު 4 ކެޓަގަރީއަކަށް ބަހާލައިގެން މި ސްކީމްތަކުން ފުރުޞަތު ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

އެއީ..

  • މާލީގޮތުން ފުދުންތެރި ފަރާތްތަކަށް ވިޔަފާރި އުޞޫލުން ހައުސިންގ ޔުނިޓާއި ގޯތި ގަތުމުގެ މަގުފަހި ކުރުމަށް ފުރުޞަތު ދެވޭނެ
  • މެދު ފަންތީގެ ޢާއިލާތަކަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެފޯޑަބަލް ހައުސިންއަށް ހާއްސަކޮށްގެން ޕްރޮޖެކްޓުތައް ހިންގޭނެ
  • އަމިއްލަ ބޯހިޔާވަހިކަމެއް ގަތުމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް ރެންޓް ޓު އޯން މޮޑެލްގެ ދަށުން ބޯހިޔާވަހިކަން ލިބޭނެ މަގު ތަނަވަސްވާނެ
  • އެންމެ ފަޤީރު ޙާލަތުގައިވާ ދިރިއުޅޭނެ ތަނެއް ނެތް ޢާއިލާތަކަށް ސަރުކާރުން ހަދާ އެސެސްމެންޓެއްގެ ތެރެއިން ބޯހިޔާވަހިކަން ލިބޭނެ ގޮތް ހަމަޖެހޭނެ

ސަރުކާރުން އިޢުލާނުކުރައްވާފައިވަނީ މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފްލެޓް ދޫކުރުމާއި ގޯތި ދޫކުރުމާއި ގުޅޭ ސްކީމެވެ. މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފްލެޓް ދޫކުރުމުގެ އުސޫލުގައި ހިމެނޭ 2 ކެޓަގަރީއަކީ މާލެ ރަށްވެހިންގެ ކެޓަގަރީއާއި މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީއެވެ.

މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފްލެޓު ދޫކުރުމުގެ ސްކީމް:

1- ކެޓަގަރީ 1: މާލެ ރަށްވެހިން

އުފަންވީއްސުރެ މާލޭގެ ރަޖިސްޓްރީގައި ޖެހިފައިވާ ފަރާތްތައް
މާލޭގެ ރަށްވެހިންގެ ދަފްތަރުގައި ޖެހިފައިވާ ފަރާތްތައް
ފަހުން މާލޭގެ ގެއެއްގެ ރަޖިސްޓްރީގައި ޖެހިފައިވާ ފަރާތްތައް

2- ކެޓަގަރީ 2:

މާލޭގައި މެދުނުކެނޑި ދިރިއުޅެމުންދާތާ 15 އަހަރުވެފައިވުން. ހައުސިން މިނިސްޓްރީން ވިދާޅުވީ މި ސިޔާސަތުތައް މިރޭ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާނެ ކަމަށެވެ.

ފްލެޓް ދޫކުރާ ދެ މޮޑެލްއަކީ އެފޯޑަބަލް ހޯމް އޯނަރޝިޕް މޮޑެލް އަދި ރެންޓް-ޓު-އޯން މޮޑެލްއެވެ. ގޯތި ދޫކުރުމުގެ އުސޫލުގައިވެސް ހިމެނެނީ މާލެ ރަށްވެހިންގެ ކެޓަގަރީއާއި މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިސްކީމުގެ ދަށުން ރަސްމާލެއިން 15000 ގޯތި ދޫކުރާނެކަން އިއުލާންކުރައްވާފައެވެ. އަދި މާލެ ސަރަހައްދުގައި 7000 ފްލެޓްގެ އަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ގޯއްޗާއި ފްލެޓް ދިނުމުގެ އަސާސީ ޝަތުރުތުތަކާއި ޕޮއިންޓް ދިނުމުގެ އުސޫލުވެސް ވަނީ އާއްމުކުރައްވާފައެވެ. މި އުސޫލުގައި މީގެކުރިން ނުހިމެނޭ މުހިންމު ބަދަލުތަކެއް އުސޫލުގެ ތެރޭގައި ވަނީ ހިމަނާފައެވެ.

18 އަހަރުން މަތީގެ ކޮންމެ ރައްްޔިތަކަށް މިދައިރު ނިމޭއިރު އަމިއްލަ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *