ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތާއި ޓެކްސީކޮށްގެން އާމްދަނީ ހޯދާ ފަރާތްތަކުގެ އާއިލާތަކަށް ޚާއްސަކޮށް 350 ފެލެޓް ދޫކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.
• މާލޭގައި އާއިލާ ބިނާކޮށްފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާއަދާކުރާ މުވައްޒަފުން – 200 ފްލެޓް
• މާލޭގައި އާއިލާ ބިނާކޮށްފައިވާ މަސްވެރިންގެ ދަފުތަރުގައި ހިމެނޭ ފަރާތްތައް – 100 ފްލެޓް
• މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް – 50 ފެލެޓް
ފްލެޓް ދިނުމުގައި އިސްކަންދޭނީ މަސްވެރިންގެ ޤައުމީ ދަފްތަރަށެވެ. މަސްވެރިންގެ ޤައުމީ ދަފްތަރުގައި ރެޖިސްޓްރީވުމަށް ހުޅުވާލީ 16 ފެބްރުއަރީ 2024 ގައެވެ. މި ދަފްތަރުތަކަކީ އާމްދަނީ ހޯދުމަށް ދާއިމީކޮށް މި ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނަށް ޚާއްސަ ދަފްތަރެކެވެ. ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފްތަރެއް އެކުލަވާލުމަށް ސަރުކާރުން ހުޅުވާލީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ.
މި އުސޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އަންނަ ޖަނަވަރީ 4 އިން ފެށިގެން މާރިޗު 3 ވަނަ ދުވަހުގެ ނިޔަލަށް ޕޯޓަލް މެދުވެރިކޮށް ވަނީ ހުޅުވާލާފައެވެ. އެޕްލިކޭޝަން ހުށަހެޅޭނީ "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުޞޫލު" ނުވަތަ "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުޞޫލު" ގެ ތެރެއިން ކޮންމެވެސް އެއް އުސޫލެއްގެ ދަށުން ކަމަށްވެސް ވިދާޅުވެފައި ވެެއެވެ.
އުމުރުން 18 އަހަރު ފުރި، އަމިއްލަ ބޯހިޔާވަހިކަމެއް ނެތް ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ.