އަންނަ ޖެނުއަރީމަހުން ފެށިގެން ނަފުސާނީ ބަލިތަކަށް ހިނގާ ހުރިހާ ޚަރަދެއް އާސަންދައިން ހަމަޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ސަރުކާރަށް 2 އަހަރު ފުރުމުގެ މުނާސަބަތުގައި ޒުވާނުންގެ މަރުކަޒުގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނަފްސާނީ ބަލި ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ ފަރުވާގައި އާސަންދައިން ވަކި އިންސައްތައެއް ކަވަރު ކުރުމަކީ ހަމަޖެހޭ ގޮތެއް ނޫންކަމަށެވެ. ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުވުމަކީ އިންސާނީ ހައްޤެއް ކަމަށާއި، އެ ދާއިރާ ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
"ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމްގެ ދަށުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 101 ކުއްޖަކު އާއިލާތަކާ ޙަވާލުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ޚާއްސަކޮށް ހިންގުމަށް ނިންމާފައިވާ "ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމަކީ، ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން އިޖްތިމާޢީ ދާއިރާއިން ކުރަން ރާވާފައިވާ އެންމެ މުހިންމު އެއް މަސައްކަތެވެ.
ނަފްސާނީ ދުޅަހެޔޮކަމަކީ، އިންސާނީ ހައްޤެއްކަމަށާއި، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި އިސްކަންދެއްވާކަމަށް އެމަނިކުފާނު ގެންދަވަނީ ވިދާޅުވަމުންނެވެ.