މާލޭގައި ރޭޕް ކުރި ޒުވާން އަންހެނަކު ހާލު ސީރިއަސްވެ ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.
މާލޭގައި އަންހެނަކު ރޭޕްކޮށް ޖިންސީ، އަދި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ހާލު ސީރިއަސްވެ ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމަށް މިއަދު ސޯޝަލް މީޑިއާގައި ވަނީ އަޑުފެތުރިފައެވެ. މިކަމާބެހޭގޮތުން ތަކުރާރުކޮށް މީޑިއާއިން ފުލުހުންނާ ސުވާލުކުރުމުން ފުލުހުން މިރޭ ބުނީ، މިމަހުގެ 16 ވަނަ ދުވަހު މާލެ މަގުމަތިން ފުލުހުންގެ އެހީތެރި ކަމަށް އެދުނު އަންހެނަކު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށާ ހޮސްޕިޓަލުން ބެލުމަށްފަހު އޭނާއަށް ޖިންސީ އަނިޔާ ލިބިފައިވާކަމަށް ފުލުހުންނަށް މައުލޫމާތު ދިނުމުން އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ. އަނިޔާ ލިބިފައިވަނީ 24 އަހަރުގެ ދިވެހި އަންހެނަކަށެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން ކަމަށާ އަދި އަނިޔާ ލިބިފައިވާ ފަރާތަށް ބޭނުންވާ ސިއްހީ ފަރުވާއާއި ސައިކޯސޯޝަލް އެހީތެރިކަން ދަނީ ފޯރުކޮށްދެމުން ކަމަށްވެސް ފުލުހުން ބުންޏެވެ.