އެމްޑީޕީ މުޒާހަރާ ތެރެއިން މީހުން ހައްޔަރުކުރީ އަސާސީ ޙައްޤެއް ބޭނުންކުރުމުގެ ތެރެއިން، ދައުވާ ނުކުރާނަން: ޕީޖީ

3 އޮކްޓޫބަރު 2025 ދުވަހުގެ ރޭގެ ވަގުތެއްގައި މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ދައުވާ ނުކުރަން ނިންމާފައިވާކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.

އެ މުޒާހަރާއާއި ގުޅިގެން ފުލުހުން ވަނީ 7 މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށްއެދި ޕީޖީއަށް ފޮނުވާފައެވެ. އެ 7 މީހުނަކީ، ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔަޢުޤޫބު ޢަބްދުﷲ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ޔާސިރު ޢަބްދުއްލަޠީފްގެ އިތުރުން ޙުސައިން ޝާކިރު، ޙަސަން ޞަލާޙް، ޢަޒީމް ޢަލީ، ޢަލީ ޖުމާންގެ އިތުރުން މުޙައްމަދު ޚަލަފް އިބްރާހީމެވެ. 

މި މައްސަލާގައި ޤާނޫނުލްޢުޤޫބާތުގެ 532 ވަނަ މާއްދާގެ ދަށުން ޤާނޫނު ތަންފީޛްކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއާއި، 533 ވަނަ މާއްދާގެ ދަށުން ޤާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ ކުރުމަށް އެދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ޕީޖީ އޮފީހަށް ހުށައެޅިއެވެ.

"ނަމަވެސް މި މައްސަލާގައި ލިބިފައިވާ ހެކިތަކަށް ރިޢާޔަތްކޮށް ބެލިއިރު، ތުހުމަތުކުރެވޭ ޢަމަލުތައް އެމީހުން ހިންގާފައިވަނީ އަސާސީ ޙައްޤެއް ބޭނުންކުރުމުގެ ތެރެއިން ކަމަށް ބުރަވެވޭތީއާއި، މި މީހުންގެ ޢަމަލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިނުވާތީ، މި މީހުންގެ މައްޗަށް ދަޢުވާކުރުމުގެ މަޞްލަޙަތު އޮތް ކަމަށް މި އޮފީހަށް ނުފެންނާތީ، މައްސަލާގައި ދަޢުވާ ނުކުރުމަށް ނިންމާފައިވާނެއެވެ." ޕީޖީ އޮފީހުން ބުންޏެވެ. 

3 އޮކްޓޫބަރު 2025 ދުވަހު މާލޭގައި ބޭއްވި އެއްވުމާ ގުޅިގެން އިތުރު 10 މީހެއްގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ ތަޙުޤީޤުކުރަމުން ގެންދާ ކަމަށާއި އެ ބައިގެ ތަޙުޤީޤު ނިމުމުން ދަޢުވާކުރުމާމެދު ގޮތެއް ނިންމާނެކަމަށް ޕީޖީން ބުނެއެވެ. 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *