ބަގާވާތް ކުރަން އުޅުމުގެ ކުށް ސާބިތުގެ ހުކުމް ތަންފީޒުކުރަން ފެށުމުގެ އެއް ދުވަސްކުރިން ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯ ހައްޔަރުކުރުމަށް ބްރެޒިލްގެ ސްޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.
ބްރެޒިލްގެ ސްޕްރީމް ކޯޓުން ބުނީ ބޮލްސޮނާރޯ ހައްޔަރުކުރަން އަމުރުނެރުނީ އޭނާގެ މައްޗަށް ކޮށްފައިވާ ބަގާވާތްކުރުރަން އުޅުމުގެ ކުށުގެ އަދަބަކަށް އިއްވާފައިވާ 27 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރަން ފަށާފާނެ ކަމުގެ ބިރަށް އޭނާ ފިލަން މަސައްކަތް ކޮށްފާނެ ކަމަށް ތުހުމަތުކުރެވިގެން ކަމަށެވެ.
އެގޮތުން އޭނާގެ މައްޗަށް ހުކުމްތަންފީޒުކުރަން ފެށުމަށް އެއްދުވަހަށް ވެފައި ވަނިކޮށް އޭނާގެ ފައިގާ ހަރުކޮށްފައިވާ ޓްރެކިންގ ޑިވައިސް އަށް ގެއްލުންދީފައިވާކަން ވަނީ ފާހަގަކުރެވިފައި ކަމަށެވެ. އެހެންކަމުން ސްޕްރީމް ކޯޓުގެ މި އަމުރާ ގުޅިގެން އުމުރުން 70 އަހަރުގެ ބޮލްސޮނާރޯ ވެރިރަށް ބްރެސީލިއާގައި ހުންނަ ފެޑެރަލް ފުލުހުންގެ މައި މަރުކަޒަށް މިހާރުވަނީ ގެންގޮސްފައެވެ.
ބްރެޒިލްގެ ރައީސް ކަން ބޮލްސޮނާރޯ ކުރައްވާފައިވަނީ 2019 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށެވެ. 2022 ވަނަ އަހަރު ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާއާ ވާދަކޮށް ނާކާމިޔާބުވެވަޑައިގަތުމަށް ފަހު ބަގާވާތް ކުރަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޕެނަލުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވެފަ އެވެ. ޕްރޮސެކިއުޓަރުން ބުނި ގޮތުގައި ބަޣާވާތުގެ ރޭވުންތަކުގެ ތެރޭގައި ލޫލާ މަރާލުމާއި 2023 ވަނަ އަހަރުގެ ކުރީކޮޅު ބަޣާވާތެއް ކުރަން ރާވާފައިވާ ކަން ބވަނީ ސާބިތުވެފައެވެ.




