ހުޅުމާލެ ފޭސް 3 ހިއްކުމުގެ ސްޕީޑް އަވަސް ކުރުމަށް އެއްފަހަރާ 2 ޑްރެޖަރެއް ބޭނުންކޮށްގެން ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
މާލެ ސަރަޙައްދުގައި ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅުއްވަމުންދާއިރު، ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބެއްލެވުމުގެ ދަށުންނެވެ. މި މަސައްކަތް ފެބްރުއަރީ މަހު ނިމޭނެކަމް ރައީސް ވަނީ ވިދާޅުވެފަައެެވެ.
ހުޅުމާލެ ފޭަސް 3 ހިއްކުން އެއްފަހަރާ 2 ޑްރެޖަރ އިން ކުރަމުން ދަނީ. https://t.co/A6XCmJ0W9L pic.twitter.com/ANPlDjgcye
— Dr Mohamed Muizzu (@MMuizzu) November 28, 2025
ހުޅުމާލޭގެ ފޭސް 3ގެ ބިން ހިއްކުމުގެ މަސައްކަތް، މި މަހުގެ 10 ވަނަ ދުވަހު ސަރުކާރުން ވަނީ އަލުން ފަށާފައެވެ. ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން، ސީއެމްސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހުޅުމާލެއަށް އިތުރު ކުރާނެއެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ، ބޮސްކާލިސްގެ 22,000 ސީބީއެމްގެ ޑްރެޖަރެއްގައެވެ. 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ފެށި މި މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ 24 ހެކްޓަރުގެ ބިން ހިއްކާފައެވެ.
މި ދެ ޑްރެޖަރުން ކޮންމެ ދުވަހަކު 3 ބުރު ޖަހާނެއެވެ. ކޮންމެ ޑްރެޖަރަކުން ދުވާލަކު 63,000 ސީބީއެމްގެ ވެލި ބޯޓަކުން އަޅާނެއެވެ. މި ދެ ބޯޓުން ދުވާލަކު ޖުމްލަ 126,000 ސީބީއެމްގެ ވެލި އެޅޭނެއެވެ.
މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ ބިމުގެ ޖާގައިގެ މައްސަލައަށް ޙައްލެއް ގެނައުމަށް 5 ސަރަޙައްދަކުން 1600 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިގޮތުން ހުޅުމާލެ 3 ވަނަ ފިޔަވަހީގެ މަސައްކަތް ކުރަމުން އަންނައިރު، ގުޅިފަޅުން ޖުމްލަ 277 ހެކްޓަރުގެ ބިން ހިއްކުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މީގެތެރޭގައި ފުރަތަމަ ފިޔަވަހީގައި ހިއްކަން ނިންމި 192 ހެކްޓަރާއި، މި ސަރުކާރުން އެސަރަޙައްދުން އިތުރަށް ހިއްކުމަށް ނިންމި 85 ހެކްޓަރުގެ ބިންވެސް ހިމެނެއެވެ.