މަސްވެރިންނަށް މާލި އެހީ ލިބޭނެ ގިނަ ޚިދުމަތްތަކަކާއެކު، ބޭންކް އޮފް މޯލްޑިވްސްއިން "މަސްވެރިޔާ ޕޯޓަލް" އިފްތިތާޙުކޮށްފިއެވެ.
ދުވާފަރުގައި ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި މި އެޕް އިފްތިތާޙު ކޮށްދެއްވީ، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ.
މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ މަސްވެރިންނަށް މި ޕޯޓަލްގެ ތެރެއިން ޚިދުމަތް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ.
މިގޮތުން ގެދޮރު އިމާރާތްކޮށް މަރާމާތު ކުރުމަށް 45 މިލިއަން ރުފިޔާއާއި ހަމައަށް ލުއި ލޯނަށް އެދި ހުށައެޅޭނެއެވެ. އަދި މަސްވެރިކަމުގެ ސާމާނު ގަތުމާއި، އައު ކުރުމަށް ލުއި ފައިނޭންސިންގެ ޒަރިއްޔާއިން 3 ލައްކަ ރުފިޔާއާއި ހަމައަށް އެދެވޭނެއެވެ.

މަސްވެރިޔާ ޕޯޓަލް މެދުވެރިކޮށް، ދަރިންނަށް މަތީ ތަޢުލީމުގެ ފުރުޞަތު ހޯދައިދިނުމަށް، ރާއްޖޭގެ ބޭންކަކުން ދޫކުރާ އެންމެ ކުޑަ ރޭޓުގައި ފައިނޭންސިންއަށް ހުށައެޅޭނެއެވެ. އެގޮތުން ތަޢުލީމު ޙާސިލު ކުރުމަށް ހިނގާ ޚަރަދުގެ %90އާއި ހަމައަށް ބޭންކް މެދުވެރިކޮށް މާލީ އެހީ ހޯދޭނެއެވެ. މި އެހީ ދޫކުރަނީ، %2.5ގެ ޕްރޮފިޓް މާޖިންގައެވެ.
މީގެއިތުރުން އޮޑިފަހަރު ބަނުމާއި ގަތުމާއި މަރާމާތު ކުރުމަށް ޖުމުލަ %70 އާއި ހަމައަށް ފައިނޭންސް ހޯދޭނެއެވެ. މި ފައިސާ އަނބުރާ ދައްކަން ޖެހޭނީ 7 އަހަރުގެ މުއްދަތުންނެވެ. އަދި ގެސްޓްހައުސް ވިޔަފާރިއަށް އިންވެސްޓްކުރުމަށްވެސް ފައިނޭންސް ހަމަޖެހެނޭއެވެ.
މި ޕޯޓަލްގެ ސަބަބުން، ބީއެމްއެލްގެ އެއްވެސް ބްރާންޗަކަށް ދާން ނުޖެހި، ކޮންމެ ތަނެއްގައި ކޮންމެ ވަގުތެއްގައި ހުރެގެން ފަސޭހަކަމާއެކު ސްކީމްތަކަށް ހުށައެޅުމުގެ ފުރުޞަތު ލިބޭނެއެވެ.
އަދި އޮންލައިންކޮށް ލިޔެކިޔުންތައް ހުށައެޅުމާއި، ހުށައަޅާ ސްކީމްތަކުގެ އަދާހަމަ ބަލާލުމާއި އަދި އެހެނިހެން ގިނަ މަޢުލޫމާތުތަކެއް ޕޯޓަލް މެދުވެރިކޮށް މަސްވެރިންނަށް ލިބޭނެއެވެ.