މި އަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ 37 އިންސައްތަ އިތުރުވެއްޖެއެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމުކޮށްފައިވާ މިއަހަރުގެ ނޮވެމްބަރުމަހުގެ ދައުލަތުގެ އާމްދަނީ ރިޕޯޓުގައިވާގޮތުން މިއަހަރުގެ ނޮވެމްބަރު މަހުގެ ނިއަލަށް ޑޮލަރުން ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 37 އިންސައްތަ އިތުރުވެފައެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޮއަލަށް އާމްދަނީގެ ގޮތުގައި ދައުލަތަށް ވަނީ 1.3 ބިލިޔަން ޑޮލަރު ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޑޮލަރުން ލިބުނު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 965 މިލިޔަން ޑޮލަރެވެ.
ދައުލަތަށް ޑޮލަރުން ބަލައިގަނެފައިވާ އާމްދަނީގެތެރޭގައި އެންމެ ބޮޑުބައެއް ހިއްސާކުރަނީ ޓީ-ޖީއެސްޓީއާއި، ޑީޕާޗަރ ޓެކުހާއި، އިންކަމް ޓެކްސް، އެއާޕޯޓު ޑިވެލޮޕްމަންޓު ފީ، ޓޫރިޒަމް ލޭންޑު ރެންޑެގެ ގޮތުގައި ލިބިފައިވާ އަދަދެކެވެ.