"ފާސްޓް އެންޑް ފިއުރިއަސް" ގެ ސީކުއެލް "ފާސްޓް އެކްސް: ޕާޓް 2″ ގެ ކާސްޓާ މަޝްހޫރު ފުޓްބޯޅަ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯ ގުޅިފައިފައިވާކަން އިއުލާނުކޮށްފި އެވެ.
މި އިޢުލާނާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި "ފާސްޓް އެންޑް ފިއުރިއަސް" ގެ ސަޕޯޓަރުންނާއި އެ ސީކުއެއްގެ ކާސްޓުން ވަނީ "ފާސްޓް ފެމިލީ" އަށް ފުޓުބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މަރުހަބާ ކިޔާފައެވެ.
މި އިއުލާނާއެކު އެކްޓަރު ޓައިރެސް ގިބްސަން ވަނީ އިންސްޓަގްރާމްގައި "ފާސްޓް އެކްސް: ޕާޓް 2″ ގެ ސެޓުން ނަގާފައިވާ ފޮޓޯއެއް ހިއްސާ ކުރަމަށްފަހު ރޮނާލްޑޯ އަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އެ ފޮޓޯގައި ކްރިސްޓިއާނޯ ރޮނާލްޑޯ، ވިން ޑީސަލް، ޑްވޭން ޖޯންސަން، ޖޭސަން ސްޓެތަމް، ލުޑާކްރިސް އަދި މިޝޭލް ރޮޑްރިގޭޒް ފަދަ ތަރިން ފެނިގެންދެއެވެ. އަދި ރޮނާލްޑޯ އެ ސީކުއެލް އާއި ގުޅުމަކީ ގޭމް ޗޭންޖާއެއް ކަމަށް ގިބްސަން ވަނީ ސިފަކޮށް އެވެ.
ޖޭސަން ސްޓެތަމް، ދަ ރޮކް އަދި ޖޯން ސީނާ މިހާރު ވެސް މި ފިލްމުގައި ހިމެނޭއިރު، ރޮނާލްޑޯއާ ދެކޮޅަށް މި ފިލްމުގައި ވާދަކުރުމަށް ލިއޮނަލް މެސީ ގެނެސްފާނެ ކަމަށް ވެސް ބައެއް ފޭނުން ދަނީ ބުނަމުންނެވެ.
މީގެ އިތުރުން ރޮނާލްޑޯ އަށް ހާއްސަ ރޯލެއް އެ ފިލްމުގައި އުފައްދާފައިވާ ކަމަށް ވިން ޑީސަލް ވަނީ ބުނެފަ އެވެ.
އެންމެން ވެސް ސުވާލުކުރީ އޭނާ އަކީ ފާސްޓް ޔުނިވާސްގެ ބައިވެރިއެއްތޯ އެވެ. އޭނާ އަކީ ހަގީގީ ޑީލްއެއް. އަހަރެމެން އޭނާ އަށް ރޯލެއް ލިޔެފައި،" ރޮނާލްޑޯގެ ކެރެކްޓާއާ މެދު ޝައުގުވެރިކަން އިތުރުކޮށްލަމުން ޑީސަލް ބުންޏެވެ.
2001 ވަނަ އަހަރު "ދަ ފާސްޓް އެންޑް ދަ ފިއުރިއަސް" އިން ފެށި "ފާސްޓް އެންޑް ފިއުރިއަސް" ފްރެންޗައިޒް މިހާރު ވަނީ ސްޓްރީޓް ރޭސިން ޑްރާމާއަކުން މުޅި ދުނިޔެ އަށް އަމާޒުކޮށްގެން ގެނެސްދޭ އެކްޝަން ފިލްމަކަށް ބަދަލުވެފަ އެވެ.
20 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެ ފްރެންޗައިޒް އިން ވަނީ 10 ފިލްމެއް ރިލީޒްކޮށްފަ އެވެ. މި ފްރެންޗައިޒް އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 7 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާއިރު މިއީ ދުނިޔޭގެ ތާރީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި އެއް ފިލްމެވެ.
"ފާސްޓް އެކްސް: ޕާޓް2″ ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ.