ރާއްޖޭގެ މީހުން ދިރުއުޅޭ ހުރިހާ ރަށަކަށް ޒިޔާރައްކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެން ފެއްޓެވީ މާލޭ ސަރަހައްދުގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ މަސައްކަތެވެ. ރައްޔިތުންނާ ވީހާވެސް ގާތުން ބައްދަލުކުރައްވައި ރައްޔިތުންގެ ކަންބޮޑުވުންތައް ވީހާވެސް ގާތުން އަޑުއެއްސެވުމުގެ ގޮތުން މި ބައްދަލުވުންތައް އިންތިޒާމް ކުރެއްވީ މާލޭ އަވަށްތަކުގައި ވަކިވަކިންނެވެ. މިއިން ކޮންމެ ބައްދަލުވުމެއްގައި މާލޭގެ ރައްޔިތުންގެ އިތުރުން މާލޭގައި ދިރުއުޅޭ އަތޮޅުތަކުގެ ރައްޔިތުންވެސް އެމީހުންގެ ހުރި ކަންބޮޑުވުންތައް ހިއްސާ ކުރެއެވެ.
މި ބައްދަލުވުންތަކުގައި ރައީސް ތަކުރާރު ކުރައްވާ ވާހަކަފުޅެއް އޮވެއެވެ. އެއީ ކޮންމެ ރައްޔިތެއްގެ ވާހަކަވެސް އެމަނިކުފާނަށް ވަރަށް މުހިންމު ކަމުގެ ވާހަކައެވެ. ތެދެކެވެ. ކޮންމެ ރައްޔިތެއްގެ ވާހަކަވެސް އެމަނިކުފާނު އަޑުއައްސަވަނީ ފޫހިކަމެއްނެތި ކެތްތެރިކަމާއެކުގައެވެ.

"ކޮންމެ ބޭފުޅަކު ވިދާޅުވި، ކޮންމެ ވާހަކަފުޅަކީވެސް، އަޅުގަނޑުމެން ވަރަށް އެކަން ކަނުލައި އަޑުއަހައި، އެއަށް އެންމެ ރަނގަޅު ޙައްލެއް ގެނެސްދޭން މަސައްކަތް ކޮށްދޭނެ ކަންކަމޭ، ޤާނޫނާއި، އުސޫލުތަކުގެ ތެރެއިން. އަދި ޤާނޫނާއި، އުސޫލުތައް ބަދަލުކޮށްގެން ކަމުގައިވިޔަސް، ގެނެވެންހުރި ޙައްލެއް ގެނެސްދޭން. އެއީ، ޖުމްލަކޮށް އަޅުގަނޑުމެންގެ ސިޔާސަތެއް. އަޅުގަނޑުމެން މިތަނަށް މިއައީ، އަދި ތިޔަބޭފުޅުން މިތަނަށް ތިޔަ ވަޑައިގަތީ، ކަންކަން ރަނގަޅު ކުރުމަށް. ގޯސްކޮށް ހުރި ކަންކަން ރަނގަޅުކުރުމުގެ ނިޔަތުގައި. ރަނގަޅަށްދާ ކަންކަން އެއަށްވުރެ ރަނގަޅުކުރަން. ހުރި މައްސަލަތައް ޙައްލުކުރަން. އެ ނިޔަތުގައި، އެ ޢަޒުމުގައި، އެ ބޭނުމުގައި، އަޅުގަނޑު ތިޔަބޭފުޅުންނާ މި ބައްދަލުކުރީ. އަދި، ތިޔަބޭފުޅުން މިތަނަށް ތިޔަ ވަޑައިގަތީވެސް އެ އުންމީދުގައި" މިފަހުން މާލޭގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއެއްސެވުމަށްފަހު ވަގުތުން ހައްލުކުރެވެންހުރި ކަންކަން ވަގުތުންވެސް ގެންދަވަނީ ހައްލުކޮށްދެއްވަމުންނެވެ، މިގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއެކު ބައްދަލުކުރެއްވި ބައްދަލުވުމުގެ ތެރެއިން އެބޭފުޅުން އެންމެ ކަންބޮޑުވާކަންތައް ކަމަށް ފާހަގަ ކުރެއްވި ކަންތައް އެ ބައްދަލުވުމުގެ ތެރެއިން ހައްލުކޮޮށްދެއްވިއެވެ. ވިޔަފާރިވެރިން ރައީސްގެ އަރިހުން އެދުނީ އެއާރޕޯޓްގައި މުދާގެ ޑެމެރޭޖް ނާރާ ވަގުތު އިތުރުކޮށްދެއްވުމަށާއި، ޚިދުމަތް ފޯރުކޮށްދޭ ވަގުތު އިތުރުކޮށްދެއްވުމަށެވެ.

"އެހެންވީމާ، މިކަމުގައި އިރާދަކުރެއްވިއްޔާ، އެމް.އޭ.ސީ.އެލް.ގެ ފަރާތުން މިކަމުގައި އުޅުއްވާ ބޭފުޅުންނާ މިތަނުގައި މަޝްވަރާކޮށްލާފައި، އަޅުގަނޑުމެން މިހާރު، އިރާދަކުރެއްވިއްޔާ އެ ބޭފުޅުން މި 80 ގަޑިއިރު، 124 ގަޑިއިރަށް، ޑެމަރޭޖް ނާރާ ވަގުތު އިތުރުކޮށްދޭނެ. 80 ގަޑިއިރުން 124 ގަޑިއިރަށް. އަދި ކަސްޓަމާއި، އެމް.އޭ.ސީ.އެލް. ގުޅިގެން ކްލިއަރިންގ މަސައްކަތަށް މިހާރު މި އޮންނަނީ، ގާތްގަނޑަކަށް އެއް ޝިފްޓް، ނޫނީވިއްޔާ ދެ ޝިފްޓް މި އޮންނަނީ. ގާތްގަނޑަކަށް 18 ގަޑިއިރުގެ ކްލިއަރިންގ މަސައްކަތް މި ކުރަނީ. އެހެންވީމާ، އެއީ 18 ގަޑިއިރާ ބައި، އެގޮތަށް އެހެން އޮތުމުގެ ބަދަލުގައި ހަމަ ރައުންޑް އޯ ކްލޮކް، ޓުވެންޓީ ފޯރ އަވަރޒްއަށް އިރާދަކުރެއްވިއްޔާ ބަދަލުކޮށްދޭނަން" ވިޔަފާރިވެރިންގެ ފަރާތުން އައި ހުށަހެޅުންތަކަށް ވަގުތުން ހައްލު ހޯއްދައިވައިދެއްވުމަށްފަހު ޖަލްސާގައި އެކަން އިއުލާންކުރައްވަމުން ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ފުލެޓްތަކިގެ ކުއްޔާއި ޑައުން ޕޭމަންޑް ކުޑަކުރައްވަން އެމަނިކުފާނު ނިންމެވީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހުއެވެ، އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދަވާ މިބައްދަލުވުންތަކުގައި އާންމުން ކަންބޮޑުވުން ފާޅުކޮށް ވާހަކަދެއްކުމަށްފަހު އެ ބައްދަލުވުމުގެ ބައިވެރިން ސީދާ ރައީސްއާ ވަކިން ބައްދަލުކެއްވުމުގެ ފުރުޞަތު ދެއްވައެވެ، މި ބައްދަލުވުންތަކުގައި އެތައް ސިޓީއެއް ސީދާ އެކަނިކުފާނުގެ އަތްޕުޅަށް ދަނީ އަރުވަމުންނެވެ. ހުޅުމާލޭ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެ ބައްދަލުވުން ނިންމާލުމަށްފަހުގައި ވެސް ސަލާހުއްދީން ސްކޫލުގައި ދަންވަރު 3:30 ވަންދެން ރައްޔިތުންގެ ގާތުގައި ހުންނެވިއެވެ.

ރައީސްގެ މި ބައްދަލުވުންތަކުގައި ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންވެސް ބައިވެރިކުރުވައެވެ. އަދި އާންމުން ރައީސްއާ ބައްދަލުކުރައްވާ ވަގުތު ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާވެސް ވަކިން ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާ ކުރުމުގެ ފުރުޞަތު ލިބިގެންދެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ބައްދަލުވުންތަކަށް އިދިކޮޅު ފަރާތްތަކުންވެސް ތައުރީފް ކުރަމުންދާއިރު އާންމުން ގެންދަނީ އެކިއެކި ޕްލެޓްފޯމްތަކުގައި އެމަނިކުފާނުގެ ކެތްތެރިކަމަށް ތައުރީފް ކުރަމުންނެވެ.