އެމެރިކާ އިން ވެނެޒުއޭލާ އަށް ހަމަލާދީ އެ ގައުމުގެ ރައީސް ނިކޮލަސް މަޑޫރޯ ހައްޔަރުކޮށް ރޭގަނޑުގެ ވަގުތުތަކުގައި އެ ގައުމުން ބޭރަށް ގެންގޮސްފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުއްލިއަކށް ވެނެޒުއޭލާއަށް ހަމަލާދީ އެ ގައުމުގެ ރައީސް ވަގަށް ނަގާފައިވާއިރު ރަސްމީ އެއްވެސް ފަރާތަކުން އެމެރިކާއިން ވެނެޒުއޭލާއަށް ހަމަލާދިން ސަބަބު ހާމަކޮސްފައެއް ނުވެއެވެ.
އެމެރިކާއިން ވެނެޒުއޭލާގެ ރައީސް މަޑޫރޯ ވަގަށް ނަގަން ހިންގި އަސްކަރީ މި އޮޕަރޭޝަނަކީ މީގެ 36 އަހަރު ކުރިން 1990 ވަނަ އަހަރު ޕެނަމާއަށް އެމެރިކާ އިން ދިން ހަމަލާގައި އެ ގައުމުގެ ލީޑަރު މެނުއެލް އެންޓޯނިއޯ ނޮރިއޭގާ ހައްޔަރު ކުރި ފަދަ ހާދިސާއެއް ކަމަށް ދުނިޔޭގެ ބޮޑެތި ނޫސްތަކުން ވަނީ ބުނެފައެވެ.
ވެނެޒުއޭލާގެ ރައީސް މަޑޫރޯ ހައްޔަރުކޮސްގެން އެމެރިކާއަށް ގެންގޮސްފައިވާއިރު އެމެރިކާގެ އެޓާނީ ޖެނެރަލް ޕާމް ބޮންޑީ ވިދާޅުވީ މަޑޫރޯ އާއި އޭނާގެ އަނބިކަނބަލުން ސިލިއާ ފްލޯރެސްގެ މައްޗަށް ދައުވާ އުފުލޭނެ ކަމަށެވެ. އެކަން ހާމަކޮސް ބޮންޑީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެ ދެމަފިރިންނަށް އެމެރިކާގެ ކޯޓުތަކުގައި އެމެރިކާގެ ފަސްގަނޑުގައި އެމެރިކާގެ އިންސާފުގެ ފުރިހަމަ ބާރާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މަޑޫރޯ އާއި އޭނާގެ އަނބިކަނބަލުން ސިލިއާ ފްލޯރެސް ތިބީ އެމެރިކާގެ ހަނގުރާމަމަތީ މަނަވަރު "އިވޯ ޖިމާ" ގައި ކަމަށާއި އެ ދެމަފިރިންގެ މައްޗަށް ދައުވާ ކުރާނެ ކަމަށެވެ.
ވެނެޒުއޭލާގެ ވެރިކަންކުރާ ޕާޓީގެ ލީޑަރު ނަހޫމް ފެނާންޑޭޒް ވިދާޅުވި ގޮތުގައި މަޑޫރޯ އާއި ފްލޯރެސް ހައްޔަރު ކުރި އިރު އެ ދެ މީހުން ތިބީ ޓިއުނާގެ އަސްކަރީ މަރުކަޒުގައި ހުރި އެމީހުންގެ ގެކޮޅުގަ އެވެ.




