ސްރީލަންކާގެ އައްސޭރިފަށުގައި އޮތް އިރާނުގެ މަނަވަރަކަށް ހަމަލާދީ ގޮއްވާލާފައިވާ ކަމަށް ބައިނަލްއަގުވާމީ ހަބަރުފަތުރާ ވަސީލަތްތަކުން ރިޕޮޓް ކޮށްފި އެވެ.
އިނގިރޭސިވިލާތުގެ އިންޑިޕެންޑެންޓް ނޫހުން ބުނެފައިވަނި ލަންކާގެ އުރުން 25 މޭލު ބޭރުގައި އޮތް އިރާނުގެ ހަނގުރާމަމަތީ މަނަވަރު އައިރިސް ޑެނާ އަށް ސަބްމެރީން ހަމަލާއެއްދީ އެމަނަވަރު ގޮއްވާލާފައިވާ ކަމަށާއި އަދި މިހަމަލާގައި 100 އަށްވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށެވެ.
ސްރީލަންކާގެ ނޭވީ އާއި ޑިފެންސް މިނިސްޓްރީގެ އޮފިޝަލުން ރޮއިޓާސް އަށް މައުލޫމާތު ދެމުން ބުނީ އެ ހާދިސާގައި 101 މީހުން ގެއްލި 78 މީހުން ޒަޚަމްވެފައިވާ ކަމަށާއި، އެ ހަމަލާގައި ޒަހަމްވި 32 މީހަކަށް ސްރީލަންކާގެ ގޯލްގެ މައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާ ކަމަށްވެސް ބުނެފައި ވެއެވެ.
ލަންކާގެ ޚާރިޖީ ވަޒީރު ވިދާޅުވީ، އަޑިއަށް އަޑިއަށް ދިޔަ އީރާނުގެ މަނަވަރު އައިރިސް ޑެނާގައި ތިބި 32 ފަޅުވެރިން އެ ގައުމުގެ އަސްކަރިއްޔާއިން ސަލާމަތްކޮށްފައިވާ ކަމަށެވެ. ވިޖީތާ ހެރަތު ވިދާޅުވީ 180 މީހުން ގޮވައިގެން ދަތުރުކުރި ބޯޓު ހާލުގައި ޖެހިފައިވާ ކަމުގެ މައުލޫމާތު ސްރީލަންކާގެ ނޭވީއަށް ލިބުނު ކަމަށާއި އެ ބޯޓުން ސަލާމަތް ކުރުމަށް އެއާފޯސްގެ މަތިންދާބޯޓަކާއި 2 ކޯސްޓްގާޑް ފޮނުވާފައިވާ ކަމަށެވެ.
އަދި އަޑިއަށް ދިޔަ އީރާނުގެ ބޯޓުން 32 މީހަކު ސަލާމަތް ކޮށްފައިވާއިރު އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ކަމަށާއި ހަތް މީހަކަށް އިމަޖެންސީ ފަރުވާ ދެމުންދާ ކަމަށްވެސް ލަންކާ ސަރުކާރުން ބުނެފައި ވެއެވެ.




